ލ. އަތޮޅުގައި އެއާޕޯޓު އަޅަން އެންމެ ރަނގަޅު ތަނަކީ އިސްދޫ؛ އެއީ ޓޫރިޒަމަށް ވެސް ރީތި ސަރަހައްދެއް: މުއްތަލިބު
Laamu atholhugai airport alhan enmme rangalhu tahnakee isdhoo, eee tourism ah vess reethi sarahahdheh: Muthalib

ލާމު އަތޮޅުގެ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި ތަރައްގީކުރަން ސަރުކާރުން ނިންމީ އެ ސަރަހައްދަކީ ޓޫރިޒަމް ފައްކާކުރުމަށް ވަރަށް ރީތި އަދި އެކަމަށް އެންމެ އެކަށީގެންވާ ސަރަހައްދަކަށް ވާތީ ކަމަށް ހައުސިން، ލޭންޑް އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އިގްތިސާދީ އަދި ޖިއޯގްރަފީ ސަބަބުތައް
މިނިސްޓަރު މުއްތަލިބު ވިދާޅުވީ ލާމު އަތޮޅަށް ދެވަނަ އެއާޕޯޓެއް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމުން، އެކަމަށް އެންމެ ބޮޑަށް ބޭނުންވީ ލ. މާވަށާއި އިސްދޫ ކަލައިދޫން ކަމަށެވެ. ނަމަވެސް ސަރުކާރުން އެއާޕޯޓެއް ތަރައްގީކުރާއިރު ބަލަން ޖެހޭ މިންގަނޑުތަކެއް ހުންނަ ކަމަށާއި، އޭގެ ތެރޭގައި އާބާދީއާއި، އިގްތިސާދީ ކުރިއެރުމާއި ޓޫރިޒަމްގެ ފުރުސަތުތައް ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ހަތަރުވަނައަށް އެންމެ ބޮޑު ރަށަކީ އިސްދޫކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ”ބޮޑު ރަށެއްގައި، ބޮޑެތި އިގްތިސާދީ ކަންތައްތައް ކުރުމުގެ ފުރުސަތުތައް އޮންނާނެތީ އެތަނުގައި އެއާޕޯޓެއް ތަރައްގީކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ސަރުކާރުން ވަނީ ނިންމާފައި“ ކަމަށެވެ. އަދި ޓޫރިޒަމްގެ ގޮތުން ބަލާއިރު ވެސް އެއީ ވަރަށް ރީތި ސަރަހައްދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދަތުރުފަތުރުގެ ލުޔާއި ތަރައްގީ
މިދިޔަ މަހުގެ 25 ވަނަ ދުވަހު ސަރުކާރުން މި ނިންމުން ނިންމާފައިވާއިރު، މިނިސްޓްރީން ބުނެފައިވަނީ އިސްދޫ ކަލައިދޫގައި އެއާޕޯޓު އެޅުމުން އެ ރަށުގެ އިތުރުން ދަނބިދޫ އަދި މާބައިދޫގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. މިހާރު އެ ސަރަހައްދުގެ ރައްޔިތުން ކައްދޫ އެއާޕޯޓަށް ދިއުމަށް ކުރަންޖެހޭ 45 މިނެޓުގެ ދަތުރު މި މަޝްރޫއާއެކު ވަރަށް ބޮޑަށް ކުރުވެގެންދާނެއެވެ.
މާވަށު ރައްޔިތުންގެ ކަންބޮޑުވުން
މި ނިންމުމާ ގުޅިގެން ލ. މާވަށު ރައްޔިތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކޮށްފައެވެ. މާވަށަކީ ޖިއޯގްރަފީ ގޮތުން ވަކިން އޮތުމުގެ ސަބަބުން ދަތުރުފަތުރުގެ ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ރަށެއް ކަމަށް ބުނެ، އެ ރަށުގެ ޕީއެންސީ ގުރޫޕުން ވަނީ ރައީސަށް ޕެޓިޝަނެއް ހުށަހެޅުމަށް ވެސް ނިންމާފައެވެ. ލާމު އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅުއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މާވަށަށް ކުރެއްވި ދަތުރުފުޅުގައެވެ.




