އައު ޖަނަރޭޓަރަކާއެކު ލ. ހިތަދޫގެ ކަރަންޓު މައްސަލަ ހައްލުކޮށްފި
Au Generater aa eku laamu hithadhoo karantu mahsalla hahlukohfii

ލ. ހިތަދޫގައި ދިމާވި ކަރަންޓުގެ މައްސަލަ މުޅިން އައު ޖަނަރޭޓަރެއް އިންސްޓޯލްކޮށްގެން ހައްލުކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހާމަކޮށްފިއެވެ. މި ފިޔަވަޅާއެކު އެ ރަށަށް ދިމާވެފައިވާ ކަރަންޓުގެ ދަތިކަމަށް ވަނީ ދާއިމީ ހައްލެއް ލިބިފައެވެ.
ހިތަދޫގައި ކަރަންޓުގެ މައްސަލަ ބޮޑުވާން ދިމާވީ މިދިޔަ އަންގާރަ ދުވަހު އެ ރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުންދިޔަ ދެ ޖެންސެޓްގެ ތެރެއިން 600 ކިލޯވޯޓުގެ ޖެންސެޓަށް ދިމާވި މައްސަލައަކާ ގުޅިގެން ލޯޑު ބޮޑުވެގެންނެވެ. ފެނަކައިން މަޢުލޫމާތު ދޭ ގޮތުގައި، މުޅި ރަށުން ކަރަންޓު ކެނޑުނުތާ 15 ވަރަކަށް މިނެޓުގެ ތެރޭގައި، ބާކީ ހުރި އިންޖީނު ހިންގައިގެން ރަށުގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކަރަންޓުގެ ޚިދުމަތް ދޭން ފެށިއެވެ.
މި މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ފެނަކައިން މެދުނުކެނޑި ކުރި މަސައްކަތުން، މިހާރު ވަނީ 600 ކިލޯވޯޓުގެ މުޅިން އައު ޖެންސެޓެއް އެ ރަށުގައި އިންސްޓޯލްކޮށް، މުޅި ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައެވެ. މިއީ ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.
މި އައު ޖެންސެޓަކީ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ސަރުކާރުން މިހާރު ކުރަމުންދާ ޚާއްޞަ މަސައްކަތުގެ ދަށުން، ފެނަކައިން އަލަށް ރާއްޖެ ގެނައި ޖެންސެޓްތަކުގެ ތެރެއިން އެ ރަށަށް ޚާއްޞަކޮށްގެން ފޮނުވި ޖެންސެޓެކެވެ. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ކަރަންޓު ކެނޑުމުގެ މައްސަލައަށް ބޮޑު ލުޔެއް ލިބޭނެއެވެ.
ފެނަކައިން ބުނި ގޮތުގައި، މި އައު ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމާއެކު، ލ. ހިތަދޫގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިވަގުޓު އެއްވެސް ދަތިކަމެއް ނެތެވެ. އެ ކުންފުނިން ވަނީ ރައްޔިތުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދި، މެދުނުކެނޑި ޚިދުމަތް ދިނުމުގެ ޔަޤީންކަން އަރުވާފައެވެ.




