”އަގުމަގު“ އެޕުން މިހާރު އަތޮޅުތެރޭގައި ތަކެތި ވިއްކާ އަގު ބަލާލެވޭނެ

"Agumagu" appun mihaaru atholhuthereygai thakethi vihkka agu balaaleveyne

ބާޒާރުގައި ތަކެތީގެ އަގުތައް ހުރިގޮތާއި އަތޮޅުތެރޭގައި ތަކެތި ވިއްކާ އަގުތައް ފަސޭހަކަމާއެކު އާންމުންނަށް ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ”އަގުމަގު“ އެޕްލިކޭޝަން ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

މިއީ މިދިޔަ ފެބްރުއަރީ މަހު ތައާރަފްކުރި ޕޯޓަލްގެ ޚިދުމަތް އިތުރަށް ފުޅާކޮށް، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ނެރުނު އެޕްލިކޭޝަނެކެވެ.

އަތޮޅުތެރޭގެ އަގުތައް ބަލާލުމުގެ ފުރުސަތު

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ”އަގުމަގު“ ޕޯޓަލް ފުރަތަމަ ލޯންޗްކުރިއިރު، އޭރު އަގުތައް ބަލާލެވެނީ ހަމައެކަނި މާލޭގެ ފިހާރަތަކުންނެވެ. ނަމަވެސް، އަލަށް ތައާރަފްކުރި މި އެޕްލިކޭޝަނާއެކު، ރާއްޖޭގެ އަތޮޅުތެރޭގެ ރަށްރަށުގައިވެސް ތަކެތި ވިއްކަން ހުރި އަގުތައް މިހާރު ފަސޭހަކަމާއެކު ބަލާލެވޭނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ. އެގޮތުން ވަކިވަކި ފިހާރަތަކުގައި ތަކެތި ވިއްކާ އެންމެ ހެޔޮ އަގާއި، އެވްރެޖް އަގުގެ އިތުރުން އެންމެ ބޮޑު އަގުވެސް މި އެޕުން ދައްކައިދޭނެއެވެ.

މި އެޕްލިކޭޝަން ފަރުމާކޮށްފައި ވަނީ ކޮންމެ ދުވަހަކު ބޭނުންކުރާ މުދަލުގެ އެންމެ ފަހުގެ އަގުތައް އެއް ތަނަކުން ފެންނާނެ ގޮތަށެވެ. މީގެ އިތުރުން، ފާއިތުވި 10 ދުވަހުގެ ތެރޭގައި ތަކެތީގެ އަގަށް އައިސްފައިވާ ބަދަލުތައްވެސް ފަސޭހަކަމާއެކު ބަލައިލެވޭނެ ކަމަށް އިގްތިސާދީ ވުޒާރާއިން ބުނެއެވެ. އަދި އަގުތަކަށް ބަދަލެއް އަތުވެއްޖެނަމަ، އެޕް މެދުވެރިކޮށް ވަގުތުން ނޮޓިފިކޭޝަން ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

އިތުރު ފަސޭހަތަކާއި ޚިދުމަތްތައް

ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ، މި އެޕްލިކޭޝަންގެ ސަބަބުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ކުރިން، ތަކެތި އެންމެ އަގުހެޔޮކޮށް ލިބެން ހުރީ ކޮން ރަށެއްގައިކަން ދެނެގަނެވޭނެ ކަމަށެވެ. ހަމައެއާއެކު އާންމުކޮށް ގަންނަ ތަކެތީގެ ލިސްޓު ފަހަށް ރައްކާކޮށްފައި ނުވަތަ އެޕްގައި ސޭވްކޮށްފައި ބެހެއްޓޭނެއެވެ. އެގޮތަށް ލިސްޓު ސޭވްކުރުމުން މުޅި ލިސްޓަށް އެންމެ ކުޑަ އަގެއް ހޭދަވާނެ ގޮތާއި، ވަކިވަކި ތަކެތި އެންމެ ހެޔޮކޮށް ގަންނަން ލިބޭނެ ތަންތަން ފަސޭހައިން ހޯދާލެވޭނެއެވެ.

މީގެކުރިން ތައާރަފްކުރި އޮންލައިން ޕޯޓަލްއާއެކު، ރައްޔިތުންނަށް ތަކެތި ގަތުމުގައި ހެޔޮ އަގު ހޯދުމަށް ފަސޭހަވެ، ވިޔަފާރިތަކުގެ މެދުގައި ހެޔޮ ވާދަވެރިކަމެއް އުފެދި، އަދި ސަރުކާރަށް ބާޒާރުގެ ހާލަތު ދެނެގަތުމަށް ފަސޭހަވެގެންދިޔައެވެ. މި ޕޯޓަލް އަދި އެޕްލިކޭޝަން ތައްޔާރުކޮށްފައިވަނީ ތަކެތީގެ އަގުތައް ބޮޑުވާނަމަ ރައްޔިތުންނަށް ރިޕޯޓް ކުރެވޭ ގޮތަށެވެ.

ސަރުކާރުގެ މި ނިންމުމަކީ ބާޒާރުގައި ތަކެތީގެ އަގުތައް ހިފެހެއްޓުމަށާއި، ވިޔަފާރިތަކުގެ މެދުގައި ދެފުށް ފެންނަ ވާދަވެރިކަމެއް އުފައްދައި، ކަސްޓަމަރުންނަށް ލިބޭ ޚިދުމަތް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ވުޒާރާއިން ސިފަކުރެއެވެ. ”އަގުމަގު“ އެޕްލިކޭޝަން މިހާރު އެޕް ސްޓޯރާއި ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments