އާރުޓީއެލްގެ ފައިސާ ކެނޑޭ މައްސަލަ: އެއީ ކުރީގެ ދަތުރުތަކަށް ފޮނުވާ ނޮޓިފިކޭޝަންތަކެއް ކަމަށް އެމްޓީސީސީން ބުނެފި
RTL ge faisaa kenedey mahssala: e'ee kureege dhathuruthakah fonuvaa notification thakeh kamah MTCCin bunefi

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ފެރީ ހިދުމަތް ބޭނުންކުރުމުން ބޭންކް އެކައުންޓުން ފައިސާ ކެނޑޭކަމުގެ ނޮޓިފިކޭޝަންތައް ލިބެމުންދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށްގެންދިޔަ ސާވާ މެއިންޓެނަންސް މަސައްކަތްތަކަކާ ގުޅިގެން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނީ މި ނޮޓިފިކޭޝަންތަކަކީ މީގެ ކުރިން ކޮށްފައިވާ ދަތުރުތަކަށް ކެނޑޭ ފައިސާގެ މައުލޫމާތު ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ އާރުޓީއެލްގެ ހިދުމަތް ބޭނުންނުކުރާ ވަގުތުތަކުގައި ވެސް އެކައުންޓުން 3.25 ރުފިޔާ ކެނޑެމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަން ފެށުމުންނެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި ދަތުރު ނުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ވެސް، ފައިސާ ކެނޑުނުކަމުގެ މެސެޖުތައް ދަނީ ލިބެމުންނެވެ.
މިކަމާ ގުޅިގެން ފޭސްބުކްގައި ހިޔާލު ފާޅުކުރި މީހަކު ބުނީ، ”އަދި އާރުޓީއެލް ފެރީއެއް ބޭނުން ނުކުރާތާ ކިތަންމެ ދުވަހެއް ވެއްޖެ، އެކަމަކު މިއަދު މިވަނީ ފެރީގެ ހިދުމަތަށް 3.25 ރުފިޔާ ކެނޑުނު ކަމުގެ މެސެޖެއް ލިބިފައި“ ކަމަށެވެ. މިފަދަ ގިނަ ޝަކުވާތަކެއް އާންމުންގެ ފަރާތުން ވަނީ އަމާޒުވެފައެވެ.
އެމްޓީސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މި މައްސަލަ ދިމާވީ ބީއެމްއެލްގެ ޕޭމަންޓް ސިސްޓަމަށް ގެނައި ބަދަލުތަކަކާއި ސާވާ މެއިންޓެނަންސްގެ ސަބަބުން ކަމަށެވެ. މީގެ ސަބަބުން ކުރީގެ ދަތުރުތަކަށް ކެނޑެންޖެހޭ ފައިސާގެ މެސެޖުތައް ލިބުން ލަސްވެފައިވާ ކަމަށް އޭނާ ތަފްސީލުކޮށްދެއްވިއެވެ.
މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ވެސް އެމްޓީސީސީން ވަނީ ބޭންކުގެ ސާވާ މެއިންޓެނަންސްގެ ސަބަބުން މިފަދަ ލަސްތަކެއް އުޅެދާނެ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. މިކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ. އަދި އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް ވަނީ އެދިފައެވެ.
އާރުޓީއެލް އަކީ އެމްޓީސީސީން މުޅި ރާއްޖެ ގުޅާލުމަށް ކުރިއަށްގެންދާ ހައި-ސްޕީޑް ފެރީގެ ނިޒާމެކެވެ. މި ހިދުމަތް މިހާރު ރާއްޖޭގެ 12 އަތޮޅެއްގައި ދަނީ ދެމުންނެވެ.




