ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ އެނގޭނެ ނިޒާމެއް ޤާއިމުކުރަނީ

Rajje ah beynunvaa beysthah dhuraalaa engeyne nizaameh qaaimkuranee

ރާއްޖެއަށް ބޭނުންވާ ބޭސްތަކުގެ މަޢުލޫމާތު ދުރާލާ ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު، ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ޑރ. ޝާހު ވިދާޅުވީ ބޭސް ލިބުމުގައި މިހާރު ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނީ ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ކުރިއާލާ ދެނެގަނެވިގެން ކަމަށެވެ. މި މަސައްކަތުގެ ދަށުން އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް (ERP) ސިސްޓަމަކާއި، އީ-ލޮޖިސްޓިކްސް ސިސްޓަމެއް ޤާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި ސިސްޓަމްގެ ސަބަބުން ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި މިންވަރު ވަގުތުން ދެނެގަނެވޭނެއެވެ.

ބޭސް ހުސްނުވެ ލިބޭނެކަމުގެ ޔަޤީންކަން

މި ނިޒާމުގެ ސަބަބުން ކުރިއަށް އޮތް އަހަރަށް ބޭނުންވާނެ ކޮލެޓީ ރަނގަޅު ބޭސް ލަފާކޮށް، އެތެރެކުރުމަށް ފަސޭހަވެގެންދާނެއެވެ. ޑރ. ޝާހު ފާހަގަކުރެއްވި ގޮތުގައި، ކުދި އާބާދީތަކުގައި ވަކި ބަލިތަކަށް ބޭސް ބޭނުންކުރާ މީހުންގެ އަދަދު އެނގުމުން، އެ ރަށްރަށުގައި މެދުނުކެނޑި ބޭސް ސްޓޮކް ކުރެވޭނެއެވެ.

“ކުދި އާބާދީގައި ޚާއްސަކޮށް ކުދިކުދި ރަށްރަށުގައި މިސާލަކަށް ދަންނަވަންޏާ ހަކުރުބަލީގެ ކިތަށް މީހުންތޯ އެ ރަށުގައި ދިރިއުޅެނީ. އެނގިއްޖެ ކަމަށްވަންޏާ މެދުނުކެނޑި އަޅުގަނޑުމެންނަށް ސްޓޮކް ކުރެވޭނެ އެރަށުގައި،” ޑރ. ޝާހު ވިދާޅުވިއެވެ.

އާންމުންނަށް ޚާއްސަ ޕޯޓަލްއެއް

އަލަށް ޤާއިމުކުރާ ނިޒާމުގެ ތެރެއިން އާންމުންނަށް ޚާއްސަ ޕޯޓަލެއް ތައާރަފުކުރުމަށް ވެސް ވަނީ ނިންމާފައެވެ. މި ޕޯޓަލް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށް ވެސް ރާއްޖޭގައި ބޭސް ހުރި ތަންތަނާއި ލިބެން ހުރި މިންވަރު ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ. މި ނިޒާމުގެ ހުރިހާ މަސައްކަތްތަކެއް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ.

މީގެ އިތުރުން، މިވަގުތު ބާޒާރުން ލިބުން ދަތިވެފައިވާ ބޭސްތައް ގެނައުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ބޭސްތައް ރާއްޖެއަށް ލިބޭނެ ކަމަށް ވެސް ޑރ. ޝާހު ވިދާޅުވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments