މިދިޔަ ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަލިފާނުގެ 23 ހާދިސާއެއް ހިނގައިފި
Midhiya hafthaagai rajjeyge eki sarahahdhu thakugai alifaanuge 23 haadhisaaeh hingaifi

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކަލުގެ 23 ހާދިސާއަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރްއެސް) އިން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިކަން ހާމަކޮށްފައިވަނީ ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ހިނގާފައިވާ ހާދިސާތަކާ ގުޅޭގޮތުން އެމްއެންޑީއެފްއިން އާންމުކުރެއްވި އެންމެފަހުގެ ތަފާސްހިސާބުތަކުގައެވެ.
އެމްއެންޑީއެފުން އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެންމެ ގިނައިން ހިނގާފައިވަނީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން ޖުމުލަ 12 އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. މީގެ އިތުރުން ބަލި މީހުން އުފުލުމަށް ކުރިއަށްގެންދިޔަ މެޑިކަލް އިވޭކިއޭޝަންގެ ހަތަރު ހާދިސާއަކާއި، ނުރައްކާތެރި މާއްދާއެއް އެކުލެވޭ ހެޒްމަތު ހާދިސާއެއްގެ އިތުރުން ރެސްކިއު އޮޕަރޭޝަނެއްގައިވެސް އެފްއާރްއެސްއިން ވަނީ ހަރަކާތްތެރިވެފައެވެ.
ސަރަހައްދުތަކަށް ހާދިސާތައް ބެހިފައިވާ ގޮތް
މި ހާދިސާތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބެހިފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނަ ހާދިސާ ހިނގާފައިވަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ޖުމުލަ 16 ހާދިސާއެއްގައި ހަރަކާތްތެރިވެފައިވެއެވެ. މީގެ އިތުރުން ސެންޓްރަލް އޭރިއާ ކޮމާންޑާއި ސަދަން އޭރިއާ ކޮމާންޑުން ކޮންމެ ސަރަހައްދެއްގައި ހިނގި ތިން ހާދިސާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ނޯދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވެފައިވަނީ އެއް ހާދިސާގައެވެ.
އެމްއެންޑީއެފްއިން ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކުއްލި ނުރައްކަލުގެ މިފަދަ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތް ކުރުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަންނަނީ ހުއްޓުމެއްނެތި ރެޔާއި ދުވާލު ހަރަކާތްތެރިވަމުންނެވެ.




