ގަމު ކައުންސިލުން ސަރުކާރުގެ ބައެއް ވުޒާރާތަކާއި އެސްއޯއީ ތަކާއެކު މުހިންމު މަޝްވަރާތަކެއް ބާއްވައިފި
Gamu councilun sarukaaruge baeh vuzaaraathakaai soe thakaaeku muhimmu mashvaraathakeh baahavifi

ލ. ގަމު ކައުންސިލުން ރަށުގެ ތަރައްޤީއަށް ހިންގޭ މަޝްރޫޢުތަކާ ގުޅޭގޮތުން ސަރުކާރުގެ ބައެއް ވުޒާރާތަކާއި، ދައުލަތުގެ ކުންފުނިތަކުގެ އިތުރުން މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށް މުހިންމު މަޝްވަރާތަކެއް މިއަދު ބާއްވައިފިއެވެ.
މި ބައްދަލުވުންތަކުގައި ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޔޫސުފް ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ މަޝްވަރާތައް
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓާއެކު ބޭއްވުނު ބައްދަލުވުމުގައި، ގަމުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކާ ގުޅޭގޮތުންނާއި، ރަށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. މީގެ އިތުރުން ގަމުގައި ޕަބްލިކް ވޯކްސް ޔުނިޓެއް ޤާއިމްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ޚިޔާލު ބަދަލުކުރެވުނެވެ.
ޞިއްޙީ ދާއިރާގެ ކުރިއެރުމަށްޓަކައި ހެލްތު މިނިސްޓަރު ގީލާ ޢަލީ އާއި (މިނިސްޓްރީގެ އިސްވެރިންނާއެކު) ބޭއްވި ބައްދަލުވުމުގައި، ގަމު ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. ހަމައެއާއެކު، އެމްޓީސީސީއާއެކު ބޭއްވުނު ބައްދަލުވުމުގައި ތުނޑީ ބަނދަރުގެ މަސައްކަތް އަވަސްކުރުމަށާއި، ރަށުގެ އުތުރު ފަރާތުގައި ތަރައްޤީކުރާ ބަނދަރުގެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ ވާހަކަދެކެވިފައެވެ. މި ބައްދަލުވުމުގައި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްސަލާމް ބައިވެރިވެވަޑައިގެންނެވިއެވެ.
ޕީއެސްއައިޕީ މަޝްރޫޢުތަކާއި އިދާރީ ގުޅުން
ގަމު ދާއިރާގެ މެމްބަރު ޔޫސުފް ނަޝީދާއެކު ވަކިން ބޭއްވުނު ބައްދަލުވުމުގައި، ރަށުގައި މިހާރު ހިނގަމުންދާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ އަދާހަމަ ހޯދުމާއި، ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި ހިމެނުމަށް ބޭނުންވާ އައު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. މީގެ އިތުރުން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއާއެކު ބޭއްވުނު ބައްދަލުވުމުގައި ދެ ކައުންސިލް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.




