އާބާދީއާ ގުޅޭ މަޢުލޫމާތު ފަސޭހައިން ބަލާލެވޭ ޕޯޓަލްއެއް ސްޓެޓްސް ބިއުރޯއިން ތަޢާރަފްކޮށްފި
Aabaadheeaa gulhey mauloomaathu faseyhain balaaleveyne portal eh statics bureau in tha'aarafkohffi

ރާއްޖޭގެ އިޤްތިސާދާއި އާބާދީއާއި ގުޅޭ މުހިންމު މަޢުލޫމާތުތައް ފަސޭހަކަމާއެކު ބަލާލެވޭނެ ‘އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރަރ’ ޕޯޓަލް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން މިއަދު އިފްތިތާޙުކޮށްފިއެވެ.
މި ޕްލެޓްފޯމް ތަޢާރަފްކޮށްފައިވަނީ ރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު ވުޖޫދަށް އައިތާ ފަސް އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.
މި ޕޯޓަލްއަކީ ރާއްޖޭގެ އިޤްތިޞާދާއި އާބާދީއަށް އަންނަ ބަދަލުތަކާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ތަޢާރަފުކުރި ވަސީލަތެކެވެ. މީގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަނާއި، އިޤްތިޞާދީ ކުރިއެރުމާއި، އާބާދީގެ ކުރިމަގުގެ އޮއިވަރުތަކާ ބެހޭ މުހިންމު ރަސްމީ ތަފާސްހިސާބުތައް އާންމުންނަށް އެއްތަނަކުން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ޕޯޓަލް މެދުވެރިކޮށް ލިބޭނެ މަޢުލޫމާތުތައް
އަލަށް ތަޢާރަފްކުރި މި ޕޯޓަލް މެދުވެރިކޮށް ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ މައުލޫމާތާއި، ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ކަމަށްވާ ޖީޑީޕީ ގެ ތަފާސްހިސާބުތައް ބަލާލެވޭނެއެވެ. މީގެ އިތުރުން އާބާދީގެ ލަފާކުރުންތަކާ ގުޅޭ މައުލޫމާތު ހޯދައި، އެކަންކަމާ ގުޅޭގޮތުން ސުވާލުކޮށް، އަމަލީގޮތުން ބައިވެރިވެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
މި މަޢުލޫމާތުތައް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ރަސްމީ މައުލޫމާތުތައް ހޯދައި ދެނެގަތުމުގެ ފުރުޞަތު ލިބިގެންދާއިރު، މިއީ ތަފާސްހިސާބުގެ ދާއިރާއިން ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ބިއުރޯއިން ފާހަގަކުރެއެވެ. ތަފާސްހިސާބުގެ ޤާނޫނުގެ ސަބަބުން ޤައުމުގައި ރަސްމީ ތަފާސްހިސާބުތައް ދެނެގަތުމާއި، ބެލެހެއްޓުމުގެ އިތުރުން އާންމުން ހޭލުންތެރިކުރުމުގެ ޤާނޫނީ އޮނިގަނޑު މިހާރު ވަނީ ވަރުގަދަވެފައެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުންނެވެ. އެ ބިއުރޯ އިސްކޮށް ހިންގުމަށް ޗީފް ސްޓެޓިސްޓިޝަން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ.




