ބޯކޮށް ވެހުނު ވާރޭގެ ފެންތައް ހިންދާލީ ކައުންސިލުން ހެދި ކާނުތައް

އިއްޔެ ލ.މާވަށަށް ވެހުނު ބޯ ވާރޭގެ ފެން އަވަހަށް ހިނދުނީ  އެ ރަށު ކައުންސިލުން ހެދި ކާނު ތަކުގެ ސަބަބުން ކަމަށް މާވަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
މުޅި ރާއްޖޭން ވެސް އެންމެ ބޯކޮށް ވާރޭ ވެހުނީ މާވަށަށް ކަމުގައި ވީ ނަމަވެސް ފެން ބޮޑުވުމުގެ ހާދިސާއެއް ނުހިނގާ ކަމަށާއި، ފެން ހިންދުމަށް ކައުންސިލުން ހެދި ކާނުތަކަށް ބަރޯސާ ވެވޭ ކަމަށް މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ މިއަދު ވިދާޅުވިއެވެ.
އަޙްމަދު މޫސާ މިހެން ވިދާޅުވީ، އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ ލ.މާވަށަށް ކަމަށް، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ޢާންމު ކުރުމާއި ގުޅިގެންނެވެ. އިއްޔެ ހެނދުނު 8:00އިން މިއަދު ހެނދުނު 8:00އަށް 95.4 މިލިމީޓަރުގެ ވާރޭ މާވަށަށް ވެހުނެވެ.
ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ޢާންމުކޮށް ރާއްޖޭގެ ރަށްތަކުގައި ފެންބޮޑުވެ، ގޭގެއަށް ފެން ވަދެ ތަފާތު އެކި ދަތިތަކާއި ކުރިމަތިވެ ގެއްލުންތައް ލިބެއެވެ. ހަމަ މި ގޮތަށް މީގެ ކުރިން މާވަށުގައި ވެސް ފެން ބޮޑުވެ ހިތާމަވެރި ހާދިސާތައް ކުރިމަތިވާ ކަމަށް މާވަށު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ. އެހެން ނަމަ ވެސް، ރަށުގެ ފެން ބޮޑުވާ ސަރަހައްދު ތަކުގައި ފެން ހިންދާނެ ކާނުތައް ހެދުމާއި ގުޅިގެން ރަށުތެރޭގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބިއްޖެ ކަމަށް ވެސް މާވަށު ކައުންސިލުން ވިދާޅުވެއެވެ.
ކާނު ހެދުމުގެ މަސައްކަތް މާވަށު ކައުންސިލުން ފެށީ، ކައުންސިލްގެ ނިމިދިޔަ ދައުރުގައެވެ. މި މަސައްކަތަކީ ކާމިޔާބު މަސައްކަތެއް ކަމަށް ލަފާ ކުރެވުމާއި ގުޅިގެން ކޮންމެ އަހަރަކު ވެސް ކާނުތައް އިތުރު ކުރަމުން އަންނަ ކަމަށް މާވަށު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ. އަދި މި ގޮތަށް އިތުރު ކުރާއިރު ޢާންމުކޮށް ފެން ބޮޑުވާ ސަރަޙައްދުތަކަށް އިސްކަން ދޭ ކަމަށާއި މިދިޔަ އަހަރު ވެސް އިތުރު ދެ ސަރަޙައްދެއްގައި ކާނު ހެދި ކަމަށް މާވަށު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވާ މިފަދަ ކަންކަމުން އަރައިގަތުމަށް ދުރާލާ ރަނގަޅަށް ތައްޔާރުވެވޭ ނަމަ، މޫސުމަށް އަންނަ ބަދަލު ތަކާއި ގުޅިގެން ލިބޭ ގެއްލުންތައް ކުޑަ ކުރެވޭނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments