ބަރުދަން ލުއިވާ ކަމަށް ބުނެ ވިއްކާ އެއްޗެހި ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފި

Barudhan luivaa kamah bune vikka ehchehi beynun nukurumah MFDA in ilthimaaskohffi

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި އެކި ބަލިތަކަށް ފަރުވާ ލިބޭކަމަށް ބުނެ، ސައްހަނޫން މައުލޫމާތު ހިމަނައިގެން އިޝްތިހާރުކުރާ ކާބޯތަކެތީގެ ބާވަތްތައް ބޭނުންނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެ އޮތޯރިޓީން މިކަމަށް އިލްތިމާސްކުރީ ރާއްޖޭގެ ބާޒާރުގައި މިފަދަ ތަކެތި އާންމުވަމުންދާކަން ފާހަގަކުރެވުމާ ގުޅިގެންނެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބަލިބައްޔަށް ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ދޭހަވާ ގޮތަށް ރާއްޖޭގައި ކާބޯތަކެތި މާކެޓުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ވަކިން ހާއްސަކޮށް، މީސްމީޑިއާގެ އެކި މަންސަތަކުގައި މިފަދަ އުފެއްދުންތަކަށް ހިތްވަރުދީ، ސައިންޓިފިކް އެއްވެސް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ސާބިތުނުހިފޭ މައުލޫމާތު ފަތުރަމުންދާ ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

އެ އޮތޯރިޓީން ވިދާޅުވި ގޮތުގައި، މިފަދަ ތަކެތި ބޭނުންކުރުމަކީ އާންމުންނަށް މައުލޫމާތު އޮޅި، ސިއްހީ ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެކެވެ. މީގެ ތެރެއިންވެސް ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންނާއި، މާބަނޑު މީހުން އަދި ގާތުން ކިރުދޭ މައިންނަށް މިފަދަ ތަކެތީގެ ސަބަބުން ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑުކަމަށް އެމްއެފްޑީއޭއިން ވަނީ އިންޒާރު ދީފައެވެ.

ގަވާއިދާ ހިލާފަށް އިޝްތިހާރުކުރުން

ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދަށް އަލިއަޅުވާލަމުން އެމްއެފްޑީއޭއިން ބުނީ، ކާބޯތަކެތީގެ އުފެއްދުމެއް ކުރިއެރުވުމަށް އެކި މަންސަތަކުގައި މައުލޫމާތު ޝާއިއުކުރުމަކީ އިޝްތިހާރުކުރުން ކަމުގައި ބެލެވޭނެ ކަމަށެވެ. އަދި ސިއްހަތަށް ވަކި ފައިދާއެއް ކުރާނެ ކަމަށް ނުވަތަ ބަލިތަކުން ދުރުކޮށްދޭނެ ކަމަށް ބުނެ ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމަކީ އެ ގަވާއިދުގެ ދަށުން މަނާކަމެއް ކަމަށްވެސް އެ އޮތޯރިޓީން ހަނދާންކޮށްދިނެވެ.

އެހެންކަމުން، ކާބޯތަކެތި އިޝްތިހާރުކުރާ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ. އެމްއެފްޑީއޭއިން އިތުރަށް ބުނީ ބަރުދަން ލުއިކުރުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި، ސާބިތުނުހިފޭ ބޭސްތަކުގެ ބަދަލުގައި، މިންހެޔޮކޮށް ކެއުމާއި، ލޮނާއި ހަކުރު މަދުކުރުމުގެ އިތުރުން އާދަވެގެން ކަސްރަތު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments