ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ: ރައީސް

Hurihaa rashehgai fitness center thah anna aharu nimeyne: Raees

ރާއްޖޭގެ ރަށްރަށުގައި ޤާއިމްކުރާ ހުރިހާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރ (އެފްއާރްސީ) ތައް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސަރުކާރުން ޒުވާނުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން “ދަ ޕަލްސް” ޕްރޮގްރާމްގެ 5 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ވަސީލަތްތައް ޤާއިމްކޮށްދިނުމަށް ފަށާފައިވާ މަޝްރޫޢުތައް ނިމޭއިރު، އެއްވެސް ރަށެއް އިސްތިސްނާ ނުވާނެހެން ރާއްޖޭގެ ހުރިހާ ރަށެއްގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ވަރަށް ބޮޑަށް ކުރިއަރާނެ ކަމަށެވެ. “އަމަލީ މަސައްކަތްތައް އެދަނީ ކުރިއަށް. ބައެއް ރަށްރަށުގައި ނިމެމުންވެސް އެބަދޭ. އަންނަ އަހަރު ނިމޭއިރު އިރާދަކުރެއްވިއްޔާ ހުރިހާ ރަށެއްވެސް ނިމޭނެ،” ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މުލިއާގޭ ގަރާޖުގައި ތަރައްޤީކުރި ޒުވާނުންގެ މަރުކަޒަކީ މިހާރުވެސް ކާމިޔާބު ތަނެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޒަމާނީ ކުޅިވަރު ވަސީލަތްތަކާއި އިންޑޯ ގޭމިން ސެންޓަރުތައް

ޒުވާނުންނަށް ބޭނުންވާ އިތުރު ވަސީލަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ސަލްޓަން ޕާކާއި ހުޅުމާލޭގައި އިންޑޯ ގޭމިން ސެންޓަރުތަކެއް ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ރޭސިން އާއި ޑްރިފްޓިން ހިމެނޭ ޓްރެކެއްގެ މަސައްކަތް ކުރިއަށްދާއިރު، ހުޅުމާލެއިން ޒަމާނީ ފެންވަރުގެ ގޯކާޓް އެރީނާއަކަށް ބިން ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މި ހުރިހާ ތަނެއް އެންމެ ލަސްވެގެން 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް ނިމޭނެއެވެ.

އަތޮޅުތެރޭގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން 15 ރަށެއްގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމްކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަން ރައީސް ހާމަކުރެއްވިއެވެ. މި ތަންތަނަކީ ގާތްގަނޑަކަށް 1200 މީހުންނަށް ކުޅިވަރު ބަލަން ތިބެވޭނެ ފެންވަރަށް ތަރައްޤީކުރާ ތަންތަނެވެ. ރައީސް ވިދާޅުވީ މާލެއާއި ހުޅުމާލޭގެ އިތުރުން އަތޮޅުތެރޭގައި ޔޫތް ހަބްތައް ހެދުމަށް ބޭނުންވާ އެއްބަސްވުންތައް އެކުލަވާލައި، ފައިސާވެސް މިހާރު ދޫކޮށްފައިވާ ކަމަށެވެ.

ބޯލިން، ސަރފިން އަދި ފުޓްސަލް ސްޓޭޑިއަމްތައް

ކުޅިވަރުގެ އެހެނިހެން ދާއިރާތަކަށް ބަލާއިރު، ރާޅުގަނޑު ސަރަހައްދުގައި އިންޓަނޭޝަނަލް ފެންވަރުގެ ސަރފިން ސްޓޭޑިއަމެއްގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލޭގައި އިންޑޯ ބޯލިން އެރީނާއެއް އެޅުމަށް ބިން ހަވާލުކޮށް، ކޮންޓްރެކްޓަރަށް ފައިސާ ދީފައިވާތީ އަންނަ އަހަރު އެ މަސައްކަތް ފެށޭނެއެވެ. މީގެ އިތުރުން އިންޓަނޭޝަނަލް ފެންވަރުގެ ފުޓްސަލް ސްޓޭޑިއަމަކާއި ނެޓްބޯލް ސްޓޭޑިއަމެއްގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

މި ސަރުކާރުން އިސްކަންދެނީ ރާއްޖޭގައި ކުޅިވަރުގެ ފުރުސަތުތައް ރެކޯޑް މިންވަރަކަށް އިތުރުކޮށް، ހަށިހެޔޮ އަދި ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށެވެ. ރައީސް ވިދާޅުވި ގޮތުގައި މި ހުރިހާ މަޝްރޫޢުތަކަކީ ޒުވާނުންގެ ކުރިއެރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments