ޕާސްޕޯޓުގެ ހިދުމަތް ޒަމާނީކޮށް، އިސްރަށްވެހިންނަށް ހާއްސަ އެހީތެރިކަމެއް ދޭން ފަށައިފި
Passport khidhumai zamaaneekoh, israhvehinnah haasa eheetherikameh dheyn fashaifi

މޯލްޑިވްސް އިމިގްރޭޝަނުން ފޯރުކޮށްދޭ ޕާސްޕޯޓުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ހިދުމަތަށް އައު ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލުތައް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާނެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި މި ބަދަލުތަކަކީ ހިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ތަކުލީފުތައް ކުޑަކޮށް، އަވަސް އަދި ފަސޭހަ ނިޒާމެއްގެ ތެރެއިން ހިދުމަތް ފޯރުކޮށްދިނުމަށް ގެނެވުނު މުހިންމު އިސްލާހުތަކެކެވެ. މީގެ ސަބަބުން ޕާސްޕޯޓުގެ ހިދުމަތް ހޯދުމުގައި އާންމުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިސްކަންދިނުން
އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކަށް އިސްކަންދީގެން، އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން، އިސްރަށްވެހިންނަށް ޕާސްޕޯޓުފޮޓޯ ނެގުމާއި އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމެއް މިހާރު ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް މަޑުކޮށްލައިގެން ތިބެވޭނެ ހިތްގައިމު މާހައުލެއް ގާއިމުކޮށް، އާންމު މައުލޫމާތާއި އިރުޝާދު ދިނުމަށް ހާއްސަ “އިންފޮމޭޝަން ކައުންޓަރެއް” ވެސް މިހާރު ވަނީ ގާއިމް ކޮށްފައެވެ. މިއީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ.
މި ހިދުމަތްތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮންޓްރޯލަ ޖެނެރަލް އޮފް އިމިގްރޭޝަން، އަޙްމަދު ފަސީހު ވިދާޅުވީ، ދިވެހި ރައްޔިތުންނާ އެންމެ ގާތުން ގުޅިފައިވާ މިފަދަ ޚިދުމަތްތައް މެދުނުކެނޑި ތަރައްޤީކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. “ދިވެހި ޕާސްޕޯޓްގެ ހިދުމަތަކީ އަޅުގަނޑުމެން ރައްޔިތުންނަށް ފޯރުކޮށްދޭ އެންމެ މުހިންމު އެއް ޚިދުމަތް. މިއަދު ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ހިދުމަތް ލިބެން ހުރިއިރު، އަޅުގަނޑުމެންގެ އަމާޒަކީ މި ހިދުމަތްތައް އިތުރަށް ފުޅާކޮށް، ކޮންމެ ރައްޔިތަކަށްވެސް އެއްވެސް ތަކުލީފެއް ނެތި، ފަސޭހަކަމާއެކު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުން،” ފަސީހު ވިދާޅުވިއެވެ.




