އަލްއަޒްހަރު ޔުނިވާސިޓީން ރާއްޖެއަށް ދިން 22 ސްކޮލާޝިޕަށް ހުޅުވާލައިފި

Al azhar university in rajje ah dhin 22 schorlarshipah hulhuvaalaifi

މިސްރުގެ މަޝްހޫރު އަލް-އަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލްކުރުމަށް ދިވެހި ދަރިވަރުންނަށް ދީފައިވާ 22 ސްކޮލަޝިޕަކަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު ހުޅުވާލައިފިއެވެ.

މި ފަހަރު ހުޅުވާލާފައިވާ ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ ގާނޫނާއި ޝަރީއާގެ ދާއިރާއިން 5 ފުރުސަތާއި، ނެޗުރަލް ސައިންސް، ހިސާބު އަދި ތަފާސްހިސާބުގެ ދާއިރާއިން 17 ފުރުސަތެވެ. މިއީ ސަރުކާރުން ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ލިބިފައިވާ މުހިންމު ފުރުސަތުތަކެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ކުރިމަތިލުމުގެ ޝަރުތުތަކާއި މުއްދަތު

މި ސްކޮލަޝިޕްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އުމުރުން 30 އަހަރު ފުރިފައި ނުވުމާއި، ދިވެހި ރައްޔިތަކަށް ވުން ހިމެނެއެވެ. އަދި ޝަހާދާ ސާނަވިއްޔާ އިމްތިހާނުން ފާސްވެފައިވުމުގެ އިތުރުން، ސަރުކާރު މެދުވެރިވެގެން މީގެ ކުރިން ކިޔަވަން ނަގާފައިވާ ލޯނެއްވާނަމަ، އެ ލޯނު ގަވާއިދުން ދައްކަމުންދާ ފަރާތަކަށް ވާންޖެހޭނެއެވެ.

މީގެ އިތުރުން، ސްކޮލަޝިޕަށް އެދި ހުށަހަޅާއިރު އެޗްއައިވީ، އެއިޑްސް އަދި ޓީބީ ޓެސްޓް ހިމެނޭ މެޑިކަލް ރިޕޯޓެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. މި ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އޮގަސްޓް މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 1:30 ގެ ކުރިން “ކުރި” ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އިތުރު ފުރުސަތުތައް

އަލް-އަޒްހަރު ޔުނިވާސިޓީގެ އިތުރުންވެސް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިތުރު ސްކޮލަޝިޕްތަކެއް އިޢުލާނުކޮށްފައެވެ. އެގޮތުން އިންޑިއާގެ ގުޖުރާތުގައި ހުންނަ މަރުވާޑީ ޔުނިވާސިޓީއިން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

މި ސްކޮލާޝިޕްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1474 އަށް ގުޅުއްވުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments