ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާރވޭ އެމްއެމްއޭއިން ފަށައިފި
Dhivehin rajjein beyrugai kuraa heydha aai gulhey survey MMA in fashaifi

ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާއި ގުޅޭ މައުލޫމާތު އެއްކުރުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ޚާއްސަ ސާރވޭއެއް ފަށައިފިއެވެ. މިއީ 2018 ވަނަ އަހަރަށްފަހު މިފަދަ ސާރވޭއެއް އެ އޮތޯރިޓީން ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މި ސާރވޭގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރު ކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ހޯދުމެވެ. މި ސާރވޭ އަމާޒުކޮށްފައިވަނީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަނބުރާ އަންނަ ދިވެހިންނަށެވެ. ސާރވޭގެ މަސައްކަތް މިމަހުގެ 25 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުގެ އެރައިވަލް ހޯލުގައި ކުރިއަށްދާނެއެވެ.
ސާރވޭގައި އެއްކުރާނެ މައުލޫމާތު
މި ސާރވޭގައި މައިގަނޑު ގޮތެއްގައި އޮޅުންފިލުވާނީ ދަތުރުގެ މައިގަނޑު ބޭނުމާއި، ދަތުރުކުރި ޤައުމާއި، ޓިކެޓަށާއި ހުރުމަށް ހިނގި ޚަރަދުގެ މައުލޫމާތެވެ. މީގެ އިތުރުން ބޭސްފަރުވާއަށް ކުރި ޚަރަދާއި، ޖުމްލަ ގޮތެއްގައި މުޅި ދަތުރަށް ހޭދަވި މިންވަރުގެ ތަފްސީލުވެސް މި ސާރވޭގެ ތެރެއިން އެއްކުރާނެއެވެ.
“ވަކި ވަކި ފަރުދުންގެ ނަމާއި، އެޑްރެސް ފަދަ އެއްވެސް މައުލޫމާތެއް މިސާރވޭގައި އެއް ނުކުރެވޭނެ،” އެމްއެމްއޭއިން ވިދާޅުވިއެވެ. އަދި އެއްކުރެވޭ ހުރިހާ މައުލޫމާތެއްގެ ސިއްރުވެރިކަން ހިފަހައްޓާނެކަމުގެ ފުރިހަމަ ޔަގީންކަން އެ އޮތޯރިޓީން ވަނީ ދީފައެވެ.
ސާރވޭގެ މުއްދަތުގައި އެމްއެމްއޭގެ މުވައްޒަފުން އެއާޕޯޓުގެ އެރައިވަލް ހޯލުގައި ހަރަކާތްތެރިވަމުންދާނެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ތަފާސްހިސާބުތައް އެކުލަވާލުމަށް މުހިންމު މަސައްކަތަކަށްވާތީ، ރާއްޖެއިން ބޭރުން އަންނަ ދިވެހިން މި ސާރވޭއަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.




