ދައުލަތަށް ޚިދުމަތްކުރުމުގެ ޝަރަފުގެ އައްޑަނަ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ލާމު އަތޮޅު ހަތަރު ބޭފުޅެއް
Dhaulathha hidhumaiykurumuge ahddana libivadaigennevi beyfulhunge thereygai laamu atholhu hatharu beyfulheh

ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި 66 ބޭފުޅަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުގެ އައްޑަނަ ދެއްވައިފިއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޚާއްޞަ ޖަލްސާގައި މި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ލާމު އަތޮޅަށް ނިސްބަތްވާ ހަތަރު ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ.
ލާމު އަތޮޅުން އިނާމު ހާސިލްކުރެއްވި ބޭފުޅުން
ލާމު އަތޮޅުން މި ޝަރަފުވެރި އިނާމު ހާސިލްކުރެއްވި ބޭފުޅުންނަކީ:
1. އަލްފާޟިލް މޫސާ ނަސީމް އަޙްމަދު ސަޢީދު (އަސުރުމާގެ، ލ. މުންޑޫ) – 42 އަހަރުގެ ޚިދުމަތް
2. އަލްފާޟިލާ މަރްޔަމް ރާނީ (ތުނޑި. ރާޒް، ލ. ގަން) – 42 އަހަރުގެ ޚިދުމަތް
3. އަލްފާޟިލް ޢަބްދުﷲ ވަޙީދު (ގުލޭޗަންޕާގެ، ލ. މާމެންދޫ) – 41 އަހަރުގެ ޚިދުމަތް
4. އަލްފާޟިލް އާދަމް ޙަލީމު މޫސާ (ނީލްވިލާ، ލ. މާވަށ) – 41 އަހަރުގެ ޚިދުމަތް
ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަކީ، ދައުލަތުގެ މުއައްސަސާތަކުގައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިޚްލާޞްތެރިކަމާއެކު ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ. މިއަހަރު މި އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ސިއްޙީ، ތަޢުލީމީ އަދި ވިޔަފާރީގެ ދާއިރާ ހިމެނޭހެން ގައުމަށް ބޭނުންތެރި އެކި ދާއިރާތަކުން ޚިދުމަތް ކުރެއްވި ބޭފުޅުން ހިމެނެއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރު މި އިނާމަށް ހުޅުވާލި ފުރުޞަތުގައި ޖުމްލަ 130 ފޯމު ހުށަހަޅާފައިވެއެވެ. މި އިނާމަކީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެއްގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް، އެ މުއައްސަސާއަކުން ނުވަތަ އަމިއްލައަށް ނަން ހުށަހެޅުމުން ދެވޭ އިނާމެކެވެ.




