އޯ.އައި.ސީ. އާއެކު އިސްލާމީ އުއްމަތުގެ ދިފާއުގައި އަޑު އުފުލުމުގައި ދިވެހިރާއްޖެ ދެމި އޮންނާނެ

OIC aaeku islaamee ummathuge dhifaaugai adu ufulumugai dhivehiraajje dhemi onnane

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އާއެކު ދިވެހިރާއްޖެއިން އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އިސްލާމީ އުއްމަތުގެ ދިފާއުގައި އަޑު އުފުލައި، އިންސާފު ގާއިމްކުރުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފިއެވެ.

މި ޔަގީންކަން ދީފައިވަނީ ދިވެހިރާއްޖެއިން އޯ.އައި.ސީ. އާ ގުޅުނުތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައެވެ.

ޚާރިޖިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއިން ވަނީ އޯ.އައި.ސީ. މެދުވެރިކޮށް މުސްލިމް ގައުމުތަކާ ގުޅުން ބަދަހިކޮށް، އެ ގައުމުތަކަށް މުހިންމު ކަންކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އޯ.އައި.ސީ. ގެ މެންބަރު ގައުމުތަކުގެ މެދުގައި ހިއްސާކުރާ އިސްލާމީ ރިވެތި އުސޫލުތަކަކީ ދިވެހިންނާ ގުޅިލާމެހިފައިވާ ކަންތައްތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

ރާއްޖެއިން އޯ.އައި.ސީ. ގައި އަދާކުރާ މުހިންމު ދައުރަކީ އިސްލާމީ އުއްމަތުގެ މަސްލަހަތު ހިމާޔަތްކުރުމަށް ދޭ އަހަންމިއްޔަތުކަމުގެ ހެއްކެއްކަން ފާހަގަކުރަމުން، ފަލަސްތީނާއި ރޮހިންޔާގެ މުސްލިމުންގެ އިތުރުން ދަތިތަކާ ކުރިމަތިވެފައިވާ އެހެނިހެން މުސްލިމް މުޖުތަމައުތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މީގެ އިތުރުން، އިސްލާމިކް ސަމިޓްތަކާއި ޚާރިޖީ ވަޒީރުންގެ ބައްދަލުވުންތަކުގައި ރާއްޖެއިން ހަރަކާތްތެރިކަމާއެކު ބައިވެރިވަމުންދާކަންވެސް ފާހަގަކޮށްފައިވެއެވެ.

ޚާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، “މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުން، އަންހެނުން ބާރުވެރިކުރުވުން، ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުން ފަދަ މުހިންމު ކަންތައްތަކަށް ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކަށް އޯ.އައި.ސީ. މެދުވެރިކޮށް ވަކާލާތުކުރުމަށް ލިބޭ ފުރުސަތުތައް އަބަދުވެސް ރާއްޖެއިން ބަލައިގަނެއެވެ.” އަދި ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް މެންބަރު ގައުމުތަކުން ދޭ އެހީތެރިކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

1976 ވަނަ އަހަރު ރާއްޖެއިން އޯ.އައި.ސީ. އާ ގުޅުނު ފަހުން 50 އަހަރު ފުރުން ފާހަގަކުރާއިރު، 57 ގައުމުގެ މައްޗަށް އެކުލެވޭ މި ޖަމިއްޔާގެ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް މަސައްކަތް ކުރުންމަތީ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ އަރުވާފައެވެ. އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމުގައި އޯ.އައި.ސީ. އާއެކު ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު އޮންނާނެ ކަމަށް ޚާރިޖިއްޔާގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments