އިންތިޚާބީ މެންބަރުން ތިއްބަވާ ޒުވާނުންގެ މަޖިލީހެއް އެކުލަވާލަނީ
inthikhaabee memberun thihbavaa zuvaanunge majlieeheh ekulavaalanee

ރާއްޖޭގެ ޒުވާނުން ބާރުވެރިކުރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން، އިންތިޚާބީ މެންބަރުން ތިއްބަވާ ޒުވާނުންގެ މަޖިލީހެއް ނުވަތަ ޔޫތު ޕާލަމަންޓެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ރައީސް އިޢުލާނު ކުރެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންނާއި އަންހެނުންނަކީ ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ފަރާތްތަކަށްވާއިރު، އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ދައުލަތުގެ މިނިވަންކަން ދެމެހެއްޓުމުގައި ޒުވާނުންގެ ދައުރު ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޒުވާނުންގެ މަޖިލިސް އެކުލަވާލުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، “ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތައް ހިމެނޭގޮތަށް، ޒުވާނުންގެ ތެރެއިން އިންތިޚާބު ކުރެވިގެންދާ ޒުވާނުން ހިމެނޭގޮތަށް ޒުވާނުންގެ މަޖިލީހެއް ޤާއިމުކުރުމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަންގެ ތެރޭގައި، ވަކި އިންސައްތައެއް އެއީ، ޒުވާނުން ކަމުގައި އަދި ވަކި އިންސައްތައެއް އެއީ، އަންހެނުން ކަމުގައި ކަނޑައެޅުމަށް ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙު ގެނައުމާއި، މިފަދަ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަޖިލީހަށް ހުށަހަޅާނަން،” ކަމަށެވެ.
މި އިސްލާހުތަކުގެ ސަބަބުން ޤައުމުގެ މުހިންމު ނިންމުންތައް ނިންމުމުގައި ޒުވާނުންނާއި އަންހެނުންނަށް ދާއިމީ ގޮތެއްގައި ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ސިޔާސީ ދާއިރާގެ އިތުރުން އިޤްތިޞާދީ ގޮތުންވެސް ޒުވާނުން ބާރުވެރިކުރުވުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެގޮތުން 5،600 އަށްވުރެ ގިނަ ޒުވާނުންނަށް އަމާޒުކޮށްގެން ކުދިލޯނު ސްކީމެއް ތަޢާރުފްކޮށްފައިވާ ކަމަށާއި، ކްރިއޭޓިވް އިކޮނޮމީގެ ތެރެއިން ޒުވާނުންނާއި އަންހެނުންނަށް ފަހި ފުރުޞަތުތައް ފޯރުކޮށްދެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވަޠަނީ ޚިދުމަތުގެ ތެރެއިން ޤައުމުދެކެ ލޯބިވާ، މަސައްކަތްތެރި ޒުވާނުންތަކެއް ބިނާކުރެވިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.




