ފެނަކައިން ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ ދީފި

Fenakain vakivaan edhunu muvahzafunah 4 mahuge musaara dheefi

ފެނަކަ ކޯޕަރޭޝަންގެ ރިޑަންޑަންސީ ޕޮލިސީގެ ދަށުން އަމިއްލައަށް ވަޒީފާއިން ވަކިވާން އެދުނު މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރައަށްވާ ފައިސާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. ފެނަކައިން މިކަން ހާމަކުރީ އެ ކުންފުނީގެ ރިޑަންޑަންސީ އުސޫލާ ގުޅޭގޮތުން މީޑިއާތަކުގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ކުންފުނިން ބުނި ގޮތުގައި ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތުގެ ދަށުން މުވައްޒަފުން ދޫކޮށްލަން ޖެހުނު ހާލަތުގައި، މުވައްޒަފުންނަށް ޝަރަފުވެރިކަމާއެކު އިނާޔަތްތަކަކާއެކު ވަކިވުމުގެ ފުރުސަތު ދިނުމަކީ މި އުސޫލުގެ މައިގަނޑު މަގްސަދެވެ. މިދިޔަ ޖޫން މަހުގެ 2 ވަނަ ދުވަހު ހުޅުވާލި މި ފުރުސަތުގެ ދަށުން، ވަކިވާން އެދޭ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދިނުމަށް ވަނީ ނިންމާފައެވެ.

އެއްބަސްވުމާ އެއްގޮތަށް ފައިސާ ވަނީ ދޫކޮށްފައި

ފެނަކައިން ވިދާޅުވީ 4 މަހުގެ މުސާރައާއެކު ވަކިވާން ޝައުގުވެރިކަން ފާޅުކޮށް ލިޔުމުން ހުށަހެޅި މުވައްޒަފުންނާއެކު އެއްބަސްވުންތަކެއް ގާއިމުކުރެވުނު ކަމަށެވެ. “އެގޮތުން 4 މަހުގެ މުސާރައާއެކު އަމިއްލައަށް ވަކިވާން އެދި ހުށަހެޅި މުވައްޒަފުންނާއެކު އެއްބަސްވުމެއް ހަދައި އެ އެއްބަސްވުންތަކާ އެއްގޮތަށް އެ މުވައްޒަފުންގެ 4 މަހުގެ މުސާރައަށްވާ ފައިސާ ދޫކޮށްފައިވާނެ” ކަމަށް ފެނަކައިގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ބައެއް މީޑިއާތަކުންނާއި އާންމު ފަރާތްތަކުން ކުންފުނިން މުވައްޒަފުންނަށް އޮޅުވާލާފައިވާ ކަމަށް ދޭހަވާ ގޮތަށް ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ކުންފުނިން އެއްވެސް ފަރާތަކަށް ގެއްލުންވާނެ ފަދަ ގޮތަކަށް އަމަލު ނުކުރާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.

ފެނަކައިގެ މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ކުރިއަށްގެންދާ މި ރައިޓް ސައިޒިންގ ޕްރޮގްރާމްގެ ދަށުން، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމަށް 108 މުވައްޒަފަކު ވަނީ ހުށަހަޅާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments