ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
Resort kuleege goothugai libunu aamdhanee ithuruvhejje

މިއަހަރުގެ މިހާތަނަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، ޖުލައި 16ގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 1 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރާ އަޅާބަލާއިރު %8.4 އިތުރު އަދަދެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުންދާކަން ހާމަކޮށްދޭ މުހިންމު ނިޝާނެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ޑެއިލީ އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުގައި ރާއްޖޭގައި މިވަގުތު ޖުމްލަ 185 ރިސޯޓެއް އެބައޮތެވެ. މީގެ ތެރެއިން 179 ރިސޯޓަކުން ފަތުރުވެރިންނަށް ޚިދުމަތް ދެމުން އަންނައިރު، މި ރިސޯޓްތަކުގެ ބެޑް ކެޕޭސިޓީއަކީ 45,115 އެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ %72.9 ނުވަތަ 877,914 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ.
ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ލުއިތައްދީ، އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އިންވެސްޓްމަންޓްތަކަށް ފުރުސަތު ހުޅުވާލާފައިވެއެވެ.
ސަރުކާރުން ވިދާޅުވާ ގޮތުގައި މިފަދަ ގާނޫނީ ބަދަލުތަކާއެކު ބޮޑެތި އިންވެސްޓަރުން ރާއްޖެއަށް ގެނެވި، އުމްރާނީ އަދި މާލީ ގޮތުން ސީދާ ރައްޔިތުންނަށް ކުރިއެރުން ލިބިގެންދާނެއެވެ. މީގެ ސަބަބުން ރާއްޖެއަށް ވަށައިޖެހޭ ތަރައްގީއެއް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ސަރުކާރުން ފާހަގަކުރައްވައެވެ.




