މިއަހަރުގެ ފުރަތަމަ 6 މަހު 16,991 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފި
Miaharuge furatahama 6 mahu 16991 metric tonge mass beyrukohffi

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރުކުރި މަހުގެ މިންވަރު 16,991 މެޓްރިކް ޓަނަށް އަރާފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރި 44,791 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 62 އިންސައްތައިގެ ދަށްވުމެކެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި ރާއްޖެއިން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ތާޒާ އަދި ފިނިކުރި މަހުގެ ބާވަތްތަކެވެ. އެގޮތުން 13,083 މެޓްރިކް ޓަނުގެ ތާޒާ އަދި ފިނިކުރި މަސް ބޭރުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރި 40,659 މެޓްރިކް ޓަނާ އަޅާބަލާއިރު 67 އިންސައްތަ ދަށް އަދަދެކެވެ.
ކަޅުބިލަމަހުގެ އެކްސްޕޯޓް 70 އިންސައްތަ ދަށަށް
މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ބޭރުކޮށްފައިވަނީ ފިނިކުރި އަދި ތާޒާ ކަޅުބިލަމަހެވެ. ފުރަތަމަ ހަ މަސް ދުވަހު 10,603 މެޓްރިކް ޓަނުގެ ކަޅުބިލަމަސް ބޭރުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރި 36,112 މެޓްރިކް ޓަނާ އަޅާބަލާއިރު 70 އިންސައްތަ ދަށް އަދަދެކެވެ. މީގެ އިތުރުން ދަޅުގައި ބަންދުކޮށްގެން ބޭރުކުރި މަހުގެ އަދަދުވެސް ވަނީ 11 އިންސައްތަ ދަށްވެފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަސް ބޭރުކުރި މިންވަރު ދަށްވެފައިވަނީ މި މުއްދަތުގެ ތެރޭގައި މަސްވެރިކަން ދަށްވުމުގެ ސަބަބުންނެވެ. ނަމަވެސް، މި މުއްދަތުގެ ތެރޭގައި މިފްކޯއާއި އަމިއްލަ ކުންފުނިތަކުން މަސް ގަންނަ އަގު ވަނީ މަތިކޮށްފައެވެ. އެގޮތުން އަހަރުގެ ކުރީކޮޅު ކަޅުބިލަމަހުގެ ކިލޯއެއް 16 ރުފިޔާއަށް ގަތް ނަމަވެސް، މިހާރު މަސް ގަންނަމުންދަނީ 20 ރުފިޔާއަށެވެ.
މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން، ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށްޓަކައި މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.




