ދިރިއުޅުން ނޫން އެހެން ބޭނުންތަކަށް ދޫކުރާ ބިންތަކުގެ ޤަވާޢިދު ޢާންމުކޮށްފި

Dhiriulhun noon ehn beynunthakah dhookuraa binthakuge qavaaidhu aanmukohffi

ދިރިއުޅުމުގެ ބޭނުން ފިޔަވައި އެހެނިހެން ބޭނުންތަކަށް ދޫކުރާ ބިންތައް ދޫކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާތުތައް ކަނޑައަޅައި، ބިމާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލި އައު ޤަވާއިދު ސަރުކާރުން ޢާންމުކޮށްފިއެވެ. މި ޤަވާއިދު ހިންގައި ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓަށެވެ.

މި ޤަވާއިދަކީ ކައުންސިލްތަކާއި ވުޒާރާތަކުންނާއި ދައުލަތުގެ އެނޫންވެސް އިދާރާތަކުން ދިރިއުޅުން ނޫން ބޭނުންތަކަށް ދޫކުރާ ނުވަތަ ހަވާލުކުރާ ބިންތަކަށް ހިނގާނެ ޤަވާއިދެކެވެ. ޤަވާއިދުގެ މައިގަނޑު މަޤުޞަދަކީ ބިން ދޫކުރެވޭނެ އުސޫލުތަކާއި، ބިމުގެ ރަޖިސްޓްރީ ދޫކުރުމާއި، ބިމާ ގުޅޭ ޙައްޤުތަކާއި ބިން ނަގާ ފަރާތްތަކުގެ މަސްއޫލިއްޔަތުތައް ސާފުކޮށް ކަނޑައެޅުމެވެ.

ބިން ދޫކުރުމާއި އަގު ކަނޑައެޅުން

އައު ޤަވާއިދުގައިވާ ގޮތުން، ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނޭ އަދި ކައުންސިލްގެ މިލްކުވެރިކަމުގައިވާ ބިންތައް ދޫކުރާނީ އެ ކައުންސިލަކުންނެވެ. އެ ނޫން ބިންތައް ދޫކުރުމުގެ ބާރު އޮންނާނީ ވުޒާރާއަށެވެ. ބިން ކުއްޔަށް ދޫކުރާނެ އެންމެ ކުޑަ އަގާއި، ވިއްކާނެ އަގުތައް ކަނޑައެޅުމަށްޓަކައި 9 މެންބަރުންގެ މައްޗަށް އެކުލެވޭ “ލޭންޑް ވެލުއޭޝަން ކޮމިޓީ” އެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާނެއެވެ.

މި ކޮމިޓީން ބިމުގެ އަގު ކަނޑައެޅުމުގައި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމަށާއި، އިޤްތިޞާދީ ފުދުންތެރިކަމުގެ އިތުރުން ބިމަށް އޮތް ޑިމާންޑަށް ރިޢާޔަތްކުރަންޖެހެއެވެ. މި ކޮމިޓީގައި މާލީ، އިޤްތިޞާދީ، މަސްވެރިކަން، ފަތުރުވެރިކަން، އިމާރާތްކުރުން އަދި ދަނޑުވެރިކަމާ ބެހޭ ވުޒާރާތަކުގެ އިތުރުން އެލް.ޖީ.އޭ ތަމްސީލުކުރާ މެންބަރުން ހިމެނޭނެއެވެ.

ދަފްތަރު ބެލެހެއްޓުމާއި ކުރީގެ ރަޖިސްޓްރީތައް

މި ޤަވާއިދުގެ ދަށުން ދޫކުރާ ނުވަތަ ވިއްކާ ހުރިހާ ބިންތަކުގެ މަޢުލޫމާތު ހިމެނޭ ދަފްތަރެއް ކައުންސިލްތަކުން ނުވަތަ މިނިސްޓްރީން ބަލަހައްޓަން ޖެހެއެވެ. ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ޤަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ރަޖިސްޓްރީތައް ބާޠިލެއް ނުވާނެއެވެ. ނަމަވެސް، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ބިމުގެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ނިންމަންޖެހެއެވެ.

2003 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ބިމާ ބެހޭ ޤާނޫނުގެ ދަށުން އެކުލަވާލި މި ޤަވާއިދަކީ ބިން ބޭނުންކުރުމުގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ދަށަށް ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments