ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާޙާ ދެކޮޅު ޕެޓިޝަނުގައި ސޮއިކުރުމަށް މޭޔަރު އާޒިމް ގޮވާލައްވައިފި

Laamarukazee qaanoonah hushaelhi islaahaa dhekolhu petitiongai soekurumah mayor aazim govaalahvaifi

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުތައް އަނބުރާ ގެންދިއުމަށް ގޮވާލައި ތައްޔާރުކޮށްފައިވާ ޕެޓިޝަނުގައި ސޮއިކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.

މި ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ޕެޓިޝަނަކީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙައްނާން އިދުރީސް ހުށަހަޅުއްވާފައިވާ އިސްލާޙުތައް އަނބުރާ ގެންދިއުމަށް ގޮވާލައި ހުށަހަޅާ ޕެޓިޝަނެކެވެ. މޭޔަރު އާޒިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މި އިސްލާޙުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމުގެ އަސްލު ގެއްލިގެންދާނެ ކަމަށެވެ.

ކައުންސިލަރުންގެ ބާރު ކެނޑިދާނެ ކަމުގެ ބިރު

މޭޔަރު ފާހަގަކުރެއްވި ގޮތުގައި މި އިސްލާޙުތަކުގެ އާހިރު ނަތީޖާއަކީ ރައްޔިތުންގެ ވޯޓަކުން ހޮވާފައިވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހަށް ލިބިގެންދިއުމެވެ. މީގެ އިތުރުން، ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، ރައްޔިތުން ތަމްސީލުކުރާ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މި އިސްލާޙުގެ ދަށުން ސަރުކާރަށް ލިބިގެންދާނެއެވެ.

މި ބިލާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ފަރާތުން ކަންކަމުގައި ބަސްބުނުމުގެ އޮތް ޙައްޤު ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށެވެ. “މި އިޞްލާހު ތަކަކީ ލާމަރުކަޒީ ޤާނޫނު އަދި އެ ޤާނޫނުގެ ރޫހާއި ހިލާފު އަދި ބާރު އެބައެއްގެ ފަރާތުން ފެށިގެން އަންނަ ރައްޔިތުންގެ ބާރު ހަނި ކުރާނެ އިޞްލާހު ތަކެއް” ކަމަށް މޭޔަރުގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

މާލޭ މޭޔަރު ވަނީ މި ބިލަކީ ޑިމޮކްރެޓިކް ހަމަތަކާ ޚިލާފު ބިލެއްގެ ގޮތުގައި ސިފަކުރައްވައި، ވީހާވެސް ގިނަ ރައްޔިތުން މި ޕެޓިޝަނުގައި ސޮއިކޮށް، ރައްޔިތުންގެ ބާރު ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ އަޑު އުފުލުމަކީ ލާމަރުކަޒީ ނިޒާމު ހިމާޔަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments