ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖު: ބައްކުގެ ދެ ހެޓްރިކާއެކު ފޮއެމައްޗަށް ބޮޑު މޮޅެއް

ޕަސްކުއާލް ފޮނަދޫ ޔޫތު ފުޓްސަލް ޗެލެންޖުގައި އަހުމަދު ބައްސާމް (ބައްކު) ގެ ދެ ހެޓްރިކާއެކު ފޮއެމަތި ސްޕޯޓްސް ކްލަބުން ބޮޑު މޮޅެއް ހޯދައިފި އެވެ.
މިއަދު ހަވީރު ބެސްޓް ބޯއީޒް އާ ދެކޮޅަށް ކުޅުނު މެޗު، ފޮއެމަތިން ކާމިޔާބުކޮށްފައިވަނީ10-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ބައްކު ވަނީ ދެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ބައްކުގެ އިތުރުން ފޮއެމަތި ޓީމުގެ ގޯލުތައް ޖެހީ ހަސަން ޒައިދު (ޒޯރޯ) އާއި މުހައްމަދު ރަޒާން (ރާއްކޮ) އަދި ޒައިދާން އަބްދުﷲ (ޒައިއްކޮ) އެވެ. މި މެޗުގައި ޒޯރޯ ވަނީ ދެ ގޯލު ޖަހާފަ އެވެ. ބެސްޓް ބޯއީޒްގެ ހަމައެކަނި ގޯލު ޖެހީ ހަސަންް ފަރީދު އެވެ.
ފުރަތަމަ މެޗުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވުމާއެކު، ފޮއެމަތިން ވަނީ ކުއާޓާ އަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ. ފޮއެމައްޗާއި ބެސްޓް ބޯއީޒްގެ އިތުރުން ގުރޫޕު ”ސީ“ ގައި ހިމެނެނީ އައުޓްރީފް ސްޕޯޓްސް ކްލަބާއި ލ.ހިތަދުއަށް ނިސްބަތްވާ ގްރޭޓް ޖެނެގޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) އެވެ.
އައުޓްރީފް ސްޕޯޓްސް ކްލަބާއި ޖީޖީއެސްސީ ބައްދަލުކުރާ މެޗު ހިމެނޭހެން، މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް ވަނީ ވިއްސާރަވުމުގެ ސަބަބުން މާދަމާ އަށް ފަސްކޮށްފަ އެވެ.