މިދިޔަ އަހަރު ފަޤީރުންނާއި މިސްކީނުންނަށް 38 މިލިޔަން ރުފިޔާ ޚަރަދުކޮށްފި
Midhiya aharu faqeerunaai miskeenunah 38 million rufiyya haradhukohffi

މިދިޔަ އަހަރު ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންނަށް 38.18 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިކަން ހާމަވެފައިވަނީ ޒަކާތު ހައުސްއިން އާންމުކޮށްފައިވާ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުންނެވެ. މި ރިޕޯޓުގައި ޒަކާތު ހައުސިންއިން މިދިޔަ އަހަރު ހޭދަކުރި ކަންކަމާއި ކުރި މަސައްކަތްތަކުގެ ތަފްސީލްތައް ވަނީ ހިމަނާފައެވެ.
ޒަކާތު ހައުސްގެ ރިޕޯޓުގައިވާގޮތުން، ޒަކާތު ފަންޑުން ފަޤީރުންނާއި މިސްކީނުންގެ ބައިގެ އިތުރުން އެހެނިހެން ބައިބައިންވެސް ބޮޑެތި ޚަރަދުތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ޢާމިލުންނަށް 4.21 މިލިޔަން ރުފިޔާ، މުއައްލަފަތު ޤުލޫބުހުމްގެ ބައިން 3500 ރުފިޔާ، ދަރަނިވެރިންނަށް 1 މިލިޔަން ރުފިޔާ، ފީސަބީލިﷲ ބައިން 13.44 މިލިޔަން ރުފިޔާ އަދި އިބްނު ސަބީލްގެ ބައިން 1.2 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ޒަކާތު ހައުސްއިން އެހީ ހޯދުމަށްޓަކައި ޒަކާތު އިދާރީ ކޮމިޓީއަށް 2111 މައްސަލައެއް ހުށަހެޅުނުއިރު، އޭގެ ތެރެއިން 1391 މައްސަލައަކަށް ވަނީ އެހީ ހަމަޖައްސައިދީފައެވެ. މިގޮތުން މިދިޔަ އަހަރު އެހީގެ ގޮތުގައި ޖުމްލަ 23.14 މިލިޔަން ރުފިޔާ ހަމަޖައްސައިދީފައިވާއިރު، އެންމެ ގިނައިން އެހީ ދޫކޮށްފައިވަނީ ބޭސްފަރުވާއަށެވެ.
ބޭސްފަރުވާއަށް ހަމަޖައްސައިދިން އެހީގެ ތަފްސީލު
އިދާރީ ކޮމިޓީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ބޭސްފަރުވާއަށް ހަމަޖައްސައިދިން އެހީގެ ތަފްސީލަށް ބަލާއިރު:
ކެންސަރު: 5.2 މިލިޔަން ރުފިޔާ
ހިތުގެ ބަލިތައް: 710،101.43 ރުފިޔާ
ޓްރާންސްޕްލާންޓް: 3.5 މިލިޔަން ރުފިޔާ
ސިކުނޑީގެ ބަލިތައް: 1.6 މިލިޔަން ރުފިޔާ
ފުއްޕާމޭގެ ބަލިތައް: 929،403.13 ރުފިޔާ
ކިޑްނީ ބަލިތައް: 646،251.50 ރުފިޔާ
އެހެނިހެން ބަލިތައް: 10.3 މިލިޔަން ރުފިޔާ
ދަފްތަރާއި ޒަކާތުގެ ފައިސާ ބެހިގޮތް
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގެ އުސޫލާއެކު ދަފްތަރުގައި ރަޖިސްޓަރވުމަށް ހުޅުވާލުމުން، މިދިޔަ އަހަރުގެ ނިޔަލަށް މާލެ ސަރަހައްދުން 165 ފޯމު އަދި އަތޮޅުތެރެއިން 311 ފޯމު ލިބިފައިވެއެވެ. މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 2852 މީހުން ދަފްތަރުގައި ރަޖިސްޓަރކޮށްފައިވާއިރު، 77 ރަށަކުން އެއްވެސް މީހަކު ފަޤީރުންގެ ގޮތުގައި ރަޖިސްޓަރވެފައިނުވާކަން ފާހަގަކުރެވެއެވެ.
މިދިޔަ އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި 13.57 މިލިޔަން ރުފިޔާ ލިބުނުއިރު، 2772 މީހުންނަށް ބޮލަކަށް 4500 ރުފިޔާގެ ރޭޓުން 12.47 މިލިޔަން ރުފިޔާ ވަނީ ބަހާފައެވެ. އަދި މުދަލު ޒަކާތުގެ ގޮތުގައި 107.20 މިލިޔަން ރުފިޔާ ލިބުނުއިރު، ދަފްތަރުގައި ތިބި 2852 ފަޤީރުންނަށް ބޮލަކަށް 5000 ރުފިޔާގެ ރޭޓުން ޖުމުލަ 14.26 މިލިޔަން ރުފިޔާ ބަހާފައިވާކަމަށް ޒަކާތު ހައުސްގެ އަހަރީ ރިޕޯޓުން ދައްކައެވެ.




