ދިވެހި ވެށި، ދިވެހީންގެ ރާއްޖެ، ދިވެހީންނަށް ވަރަށް ފުންކޮށް އެނގެންޖެހޭނެ: ރައީސް
Dhivehi veshi, dhiveheenge rajje, dhivehinah varah funkoh enegenjeheyne: Raees

ދިވެހި ވެއްޓާއި، ދިވެހީންގެ ރާއްޖެ އާއި، ދިވެހީންގެ ގައުމު، ދިވެހީންނަށް ވަރަށް ފުންކޮށް އެނގެންޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހއ. އުތީމުގައި ބޭއްވެވި، ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ގައުމާ މުޚާޠަބުކުރައްވައި ދެއްވި ތަގުރީރުގައެވެ.
އުތީމު މަހާރަދުންގެ ހަޔާތްޕުޅުން ލިބޭ ދަރުސްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ ޒަމާނަކާ ގުޅޭ ޢިލްމާއި ހުނަރު، އެ ޒަމާނެއްގެ ދިވެހީންނަށް އެނގުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، ނިޔަމިކަމާއި، ހަނގުރާމައިގެ އުކުޅުތައް ދަސްކުރެއްވި ފަދައިން އަދި ޤައުމީ ގިޔަމުތައް، ބޮޑުތަކުރުފާނު ހިތްޕުޅުގައި ބިންވަޅުނެންގެވި ފަދައިން، އެ ޒަމާނަކާ ގުޅޭ ޢިލްމާއި ހުނަރު ދިވެހީންނަށް އެނގެންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބޮޑުތަކުރުފާނުގެ ތުއްޕުޅު ދުވަސްވަރުން ފެށިގެން، އެ ބަޠަލުގެ ކޮންމެ ޙަރަކާތަކީ އަދުގެ ޖީލުތަކަށް އަގުހުރި އަދި މާނަހުރި ފިލާވަޅެއްކަމުގައިވެސް ވިދާޅުވިއެވެ.
ގައުމުގެ ހައްގުގައި ޤުރުބާންވުމުގައި ވަކި ފަންތިއެއް، ގިންތިއެއް އަދި މިންތިއެއް ތަފާތު ނުވާނޭކަން ތާރީހުން މިސާލު ދައްކަވަމުން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، އަލިރަސްގެފާނުން ފެށިގެން ގޮސް، ވިލިނގިލީ ރާވެރިބެއާ ހަމައަށް، ނޮޅިވަރަންފަރު އެދުރުކަލޭގެފާނާ ހަމައިން ކަނބާ އައިސާ އާއި ސިއްތި މާވާއާ ހަމައަށް، އަދި މުހައްމަދު ތަކުރުފާނުން ފެށިގެން ދުވާފަރު ދަންޑަހެލާ ހަމައަށް، އެކި ފަންތީގެ ދިވެހީން ގައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ޛިކުރާ އެމަނިކުފާނު އައުކުރެއްވިއެވެ.
“ގައުމީ ދުވަސް އަޅުގަނޑުމެން ފާހަގަކުރަނީ ކާބަފައިން ގައުމާ އެއްކޮޅަށް ދެއްކެވި ހިތްވަރާއި، ގައުމީ ލޯތްބަކީ ދިވެހިން އަބަދުވެސް އުފާކުރާ މަތިވެރި ލޯތްބެއްކަން އަންގައިދެމުން، ގައުމީ ލޯތްބާ ދިވެހިން ދުވަހަކުވެސް ވަކި ނުވާނެކަން،” ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ގައުމުގެ ހައްގުގައި ލެޔާއި ދާ އޮހޮރާލުމަކީ ދިވެހި ގައުމީ ސިފައެއް ކަމަށެވެ. އަދި ގައުމީ ދުވަހުގެ މައިގަނޑު އަމާޒަކަށް ވާންވީ، ދިވެހި މުޖުތަމައުގައި ތަހުޒީބު ސިފަތައް އަށަގެންނެވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.




