ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ޖަމްއިއްޔާތަކަށް މާލީ އެހީދިނުމުގެ އުސޫލު އާންމުކޮށްފި

Dhunfathaa dhekolhah masahkaikuraa jamiyyathakah maale ehee dhinumuge usoolu aanmukohffi

ދުންފަތާމެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމުއިއްޔާތަކާއި ޖަމާއަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކޮށްފިއެވެ. މި އުސޫލުގެ މައިގަނޑު މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށާއި މުޖުތަމައުގެ ސިއްހީ ރައްކާތެރިކަމަށް ބާރުއަޅައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ދުންފަތް ކޮންޓްރޯލް ކުރުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކަށް އެހީތެރިވުމުގެ ގޮތުން ކޮންމެ އަހަރަކު ތިން މިލިޔަން ރުފިޔާ ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. މި އެހީއަށް އެދި ހުށަހެޅޭނީ މަދުވެގެން 12 މަސްދުވަހުގެ ކުރިން ރަޖިސްޓްރީވެފައިވާ ޖަމްއިއްޔާތަކަށެވެ. އަދި ހުށަހަޅާ ޕްރޮޕޯސަލްގެ އިދާރީ ހަރަދުތަކަށް ބޭނުންކުރެވޭނީ މުޅި ބަޖެޓުގެ 20 އިންސައްތައަށްވުރެ އިތުރުނުވާ މިންވަރެކެވެ.

އެހީ ދޫކުރާ ތިން ކެޓަގަރީ

ޕަބްލިކް ހެލްތު ފަންޑުން ދޫކުރާ މި އެހީތައް ވަނީ ތިން ކެޓަގަރީއަކަށް ބަހާލާފައެވެ:

  • ފުރަތަމަ ކެޓަގަރީ: ވަކި ރަށަކަށް ނުވަތަ މުޖުތަމައަކަށް އަމާޒުކުރާ މަޝްރޫއުތަކަށް 75,000 އާއި 100,000 ރުފިޔާއާ ދެމެދުގެ އެހީއެއް ދެވޭނެއެވެ.
  • ދެވަނަ ކެޓަގަރީ: ގައުމީ ފެންވަރުގެ ހަރަކާތްތަކަށް 100,000 އާއި 300,000 ރުފިޔާއާ ދެމެދުގެ އެހީއެއް ކަނޑައެޅިފައިވެއެވެ.
  • ތިންވަނަ ކެޓަގަރީ: ގިނަ ރަށްތަކާއި އަތޮޅުތަކަށް އަމާޒުކުރާ ބޮޑެތި ޕްރޮގްރާމްތަކަށް 300,000 އާއި 500,000 ރުފިޔާއާ ދެމެދުގެ އެހީ ދޫކުރެވޭނެއެވެ.

މި އެހީގެ ދަށުން ހިންގާ ހުރިހާ މަޝްރޫއުތަކެއް 10 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު، ފައިސާ ދޫކުރާނީ ތިން އިންސްޓޯލްމަންޓަކަށް ބަހާލައިގެންނެވެ. މީގެ އިތުރުން، ހުށަހަޅާ ޕްރޮޕޯސަލްތައް ނޭޝަނަލް ޕަބްލިކް ހެލްތު ސްޓްރެޓަޖީތަކާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (WHO) ގެ އުސޫލުތަކާ އެއްގޮތްވާން ޖެހޭނެއެވެ.

ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން 2007 ވަނަ އަހަރުގެ ފަހުން އުފަންވި ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާކުރާ “ޖެނެރޭޝަނަލް ބޭން” ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުކުރައްވާފައެވެ. އަދި 2024 ނޮވެމްބަރު 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުންވެސް ވަނީ މަނާކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments