ޖުލައި މަސް ނިމުނުއިރު ރަސްމީ ރިޒާވު 638 މިލިއަން ޑޮލަރަށް ދަށްވެއްޖެ

July mass nimunuiru rasmee reserve 638 million dollar dhahvehjje

މިދިޔަ ޖުލައި މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރި ފައިސާގެ މިންވަރު 638.03 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މަރުކަޒީ ބޭންކުން އާންމުކުރި ރިޒާވް ޑޭޓާ ޓެމްޕްލޭޓަށް ބަލާއިރު މިއީ އޭގެ ކުރީ މަހު ރިޒާވުގައި ހުރި 686.83 މިލިއަން ޑޮލަރާ އަޅާބަލާއިރު 48.8 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއީ 136.47 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

ރަސްމީ ރިޒާވް ދަށްވުމުގެ އިތުރުން، ބޭނުންކުރެވޭ ރިޒާވް (ޔޫސަބަލް ރިޒާވް) ގެ މިންވަރުވެސް ވަނީ ދަށްވެފައެވެ. އެގޮތުން ޖުލައި މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 221.8 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ޖޫން މަހު ހުރި 248.9 މިލިއަން ޑޮލަރާ އަޅާބަލާއިރު 27.1 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

ރިޒާވްގެ މިންވަރަށް ބޮޑު ބަދަލެއް އައިސްފައިވާ މައިގަނޑު ސަބަބަކީ މިއަހަރުގެ އޭޕްރީލް މަހު ދައުލަތުން ދެއްކި ބޮޑެތި ދަރަނިތަކެވެ. އެގޮތުން ކުރީގެ ސަރުކާރުން ނަގާފައިވާ 524.68 މިލިއަން ޑޮލަރުގެ ސުކޫކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެން ދައްކައި ހަލާސްކޮށްފައިވެއެވެ. މީގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް އޭޕްރީލް މަހު ވަނީ އަނބުރާ ދައްކާފައެވެ.

މީގެއިތުރުން، ޖުލައި މަހަކީ އެމްއެމްއޭއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ ބޭރުފައިސާ ވިއްކި އަދަދު އިތުރުވި މަހެއް ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. ޖުލައި މަހު ދަތުރުފަތުރާއި، ބޭސްފަރުވާއާއި، އުމްރާގެ ދަތުރުތަކަށް ޑޮލަރު ވިއްކި މިންވަރު ވަނީ ޖޫން މަހާ އަޅާބަލާއިރު 172 އިންސައްތަ އިތުރުވެފައެވެ.

ބޭރުފައިސާގެ ޤާނޫނުގެ ދަށުން ފަތުރުވެރިންގެ ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން 90 އިންސައްތަ އެމްއެމްއޭއަށް ވިއްކާއިރު، އާންމު އުސޫލުގެ ދަށުން ކޮންމެ ހަފްތާއަކު ބޭންކުތަކަށް ވިއްކާ ބޭރު ފައިސާއަށްވުރެ 51 އިންސައްތަ އިތުރަށް ވިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެމްއެމްއޭއިން ބުނިގޮތުގައި މީގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިތަކުން މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ޓީޓީ އަދި އެލްސީ ހެދުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments