މާވަށު ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށް މުހިންމު ދެ ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފި
Maavashu schoolge dharivarunah amaazukohgen muhimmu dhe harakaatheh kaamiyaabu kamaaeku kuriah gengossfi

މާވަށު ސްކޫލުގެ ގްރޭޑް 10 ގެ ދަރިވަރުންގެ ތަޢުލީމީ ފެންވަރު މަތިކުރުމަށާއި މުސްތަޤުބަލަށް ތައްޔާރުކުރުމުގެ ގޮތުން، ބީޓެކް ހޮސްޕިޓާލިޓީ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނަކާއި، އޯލެވެލް އިނގިރޭސި އިމްތިޙާނަށް ތައްޔާރުވުމުގެ ކޭމްޕެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
ބީޓެކް ހޮސްޕިޓާލިޓީ ދަރިވަރުންނަށް ޚާއްޞަ ސެޝަނެއް
މާވަށު ކައުންސިލްގެ ނައިބު ރައީސް ނަސީބު ވަނީ އެ ސްކޫލުގެ ބީޓެކް ހޮސްޕިޓާލިޓީ ދަރިވަރުންނަށް ވަރަށް މުހިންމު އަދި ފައިދާހުރި ސެޝަނެއް ނަންގަވައިދެއްވާފައެވެ. މި ސެޝަންގައި ފަތުރުވެރިކަމާއި ރިސޯޓް ދާއިރާގައި އެބޭފުޅާ ހޯއްދަވާފައިވާ ތަޖުރިބާތަކާއި، ޢަމަލީ އިރުޝާދުތަކުގެ އިތުރުން މި ދާއިރާގެ ވަޒީފާގެ ފުރުޞަތުތަކާ ގުޅޭގޮތުން އަގުހުރި މަޢުލޫމާތުތަކެއް ވަނީ ދަރިވަރުންނާ ހިއްސާކުރައްވާފައެވެ. މި ސެޝަން އިންތިޒާމުކުރުމުގައި ގްރޭޑް 10 ގެ ލީޑިންގ ޓީޗަރު މުހިންމު ދައުރެއް އަދާކުރެއްވިއެވެ.
ގްރޭޑް 10 ގެ ދަރިވަރުންނަށް އިނގިރޭސި ކޭމްޕެއް
މީގެ އިތުރުން، އޯލެވެލް އިމްތިޙާނުގައި އިނގިރޭސި މާއްދާއިން ދަރިވަރުން ހޯދާ ނަތީޖާ ރަނގަޅުކުރުމުގެ މަޤްޞަދުގައި ގްރޭޑް 10 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި އެގްޒަމިނޭޝަން ކޭމްޕްވެސް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މި ކޭމްޕްގެ ފެސިލިޓޭޓަރެއްގެ ގޮތުގައި އަޙްމަދު ނާޞިރު ބައިވެރިވެވަޑައިގެން ދަރިވަރުންނަށް އަގުހުރި އިރުޝާދުތަކެއް ވަނީ ދެއްވާފައެވެ.
މި ކޭމްޕް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި މާވަށު ކައުންސިލްގެ އިދާރާއިން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެގޮތުން، ފެސިލިޓޭޓަރުގެ އެކޮމޮޑޭޝަން ހަމަޖެއްސުމާއި، ސޯޝަލް ސެންޓަރުގެ އޭސީ ހޯލް ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން ފަދަ އެންމެހައި އިންތިޒާމުތައް ކައުންސިލުން ހަމަޖައްސައިދީފައިވެއެވެ. އަދި މި ހަރަކާތުގައި ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުންވެސް ސްކޫލް މެނޭޖްމަންޓުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.




