ޙައްޖާޖީންނަށް ބޭހާއި ޞިއްޙީ ސާމާނު ހޯދުމަށް ސްޓޭޓް ފާމާއާއެކު މަޝްވަރާކޮށްފި
Hajjajeenah beyhaai sih'hee saamaanu hoadhumah state pharmaa eku mashvaraakohffi

ޙައްޖާއި ޢުމްރާގެ އަޅުކަމަށް ފުރާ ދިވެހި ޙައްޖާޖީންނަށް ބޭނުންވާ ބޭހާއި ޞިއްޙީ ސާމާނު ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓް ފާމާ) އާ ދެމެދު މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ، ޙައްޖުވެރިންނަށް ބޭނުންވާ ޒަރޫރީ ބޭހާއި ޞިއްޙީ ސާމާނު ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގައި ދެ މުއައްސަސާގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކަމާ ގުޅޭ އިންތިޒާމުތައް ހަރުދަނާ އުޞޫލެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.
ސްޓޭޓް ފާމާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މީގެކުރިން ޙައްޖާޖީންނަށް ބޭނުންވާ ބޭސް ހޯދަމުން އައީ އެކި ފަރާތްތަކުން ކަމަށް ޙައްޖު ކޯޕަރޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، ބޭސް ހޯދުމުގެ ކަންކަން އެއް ނިޒާމެއްގެ ދަށުން މިއަށްވުރެ ރަނގަޅަށް އިންތިޒާމު ކުރުމަށްޓަކައި، ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ގަތުމަށް އެ ކޯޕަރޭޝަނުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
ބޭހާއި ޞިއްޙީ ސާމާނު ފޯރުކޮށްދޭ މައި ކުންފުނީގެ ޙައިޘިއްޔަތުން، ސްޓޭޓް ފާމާއަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ފެންވަރު ރަނގަޅު ބޭހާއި ޞިއްޙީ އާލާތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ ކުންފުންޏެކެވެ. އެހެންކަމުން، ޙައްޖު ކޯޕަރޭޝަނާއެކު ޤާއިމުކުރާ މި ގުޅުމަކީ ޤައުމީ މުއައްސަސާތަކަށް ބޭނުންވާ ޞިއްޙީ ސާމާނު ފޯރުކޮށްދިނުމުގައި އެހީތެރިވެދެވޭނެ މުހިންމު ދާއިރާއެއް ކަމަށް އެ ކުންފުނިން ދެކެއެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ، ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ދިވެހިންނަށް އެންމެ ފުރިހަމަ ޞިއްޙީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި، ސްޓޭޓް ފާމާ މެދުވެރިކޮށް ބޭސް ހޯދުމުގެ ކަންކަން ދެމެހެއްޓެނިވި އަދި ހަރުދަނާ އުޞޫލަކުން ކުރިއަށް ގެންދެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ.




