ޖުލައި މަހު “ހެލްޕްލައިނަށް” 2،400 އަށްވުރެ ގިނަ ކޯލު ލިބިފައިވޭ

July mahu "helpline"ah 2,400 ahvure gina call libifaivey

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް އެހީގެ ކަންކަމުގައި އެދި މިދިޔަ ޖުލައި މަހު 2،400 އަށްވުރެ ގިނަ ކޯލް ލިބިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިއީ އިޖުތިމާއީ އަދި އާއިލީ މައްސަލަތަކަށް ރައްޔިތުންގެ ސަމާލުކަން އިތުރުވެ، އެފަދަ ކަންކަމުގައި އެހީތެރިކަން ހޯދުމަށް އިސްކަންދޭ މިންވަރު ހާމަވާ އަދަދެކެވެ.

އެ ވުޒާރާއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޗައިލްޑް ހެލްޕްލައިން 1412 އަށް ޖުމްލަ 1،960 މައްސަލަ ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކުޑަކުދިން އަމިއްލައަށް ހުށަހެޅި 68 މައްސަލައަކާއި، ބޮޑެތި މީހުން ހުށަހެޅި 1,524 މައްސަލައިގެ އިތުރުން ކާކުކަން ނޭނގޭ ގޮތަށް ހުށަހަޅާފައިވާ 211 މައްސަލަ ހިމެނެއެވެ. މީގެއިތުރުން ސޯޝަލް ސަވިސް ހެލްޕްލައިން 1421 އަށް 503 ކޯލު ވަނީ ލިބިފައެވެ.

ހެލްޕްލައިން މެދުވެރިކޮށް ލިބުނު މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދީފައެވެ. އެގޮތުން 226 ފަރާތަކަށް ކައުންސިލިން ސެޝަން، 64 ފަރާތަކަށް ޓްރެއިނިންގ ސެޝަން، 15 ފަރާތަކަށް ޕޭރެންޓިންގ ސެޝަން އަދި 17 ފަރާތަކަށް ސައިކޯސޯޝަލް ސަޕޯޓް ފޯރުކޮށްދީފައިވެއެވެ.

މިދިޔަ ޖުލައި މަހު އެ ވުޒާރާއަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ 14 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނައީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ތަހައްމަލުކުރަމުންދާ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ މައްސަލަތަކެވެ. މި ބާވަތުގެ ހަތް މައްސަލައެއް ހުށަހެޅިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފިރިހެނުންނާ ގުޅޭ ތިން މައްސަލައާއި އަންހެނުންނާ ގުޅޭ ހަތަރު މައްސަލައެވެ.

މީގެ އިތުރުން، ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކާއި އާއިލާތަކަށް އެހީތެރިވުމުގެ ތިން މައްސަލައާއި، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކާ ގުޅޭ ދެ މައްސަލައިގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމުގެ މައްސަލައެއްވެސް ވަނީ ރިޕޯޓުކޮށްފައެވެ. ޖުލައި މަހު ރިޕޯޓުކުރެވުނު އަޅާލުމާއި އެހީތެރިވުމުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ފިރިހެނުންގެ ފަސް މައްސަލައާއި އަންހެނުންގެ ނުވަ މައްސަލައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments