މަޢުލޫމާތު ފުށުއަރާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް އަންގަން ފަށައިފި
Mauloomaathu fushuaraa faraaithakah portal medhuverikoh angan fashaifi

ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބިމާއި ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން މަޢުލޫމާތު ފުށުއަރާ ފަރާތްތަކަށް އެކަން ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށް އަންގަން ފަށައިފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ އެޕްލިކަންޓުން ޤަވާއިދުން ޕޯޓަލް ޗެކް ކުރަމުން ގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.
ފުލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމާ ގުޅޭ އެންމެހާ މަރުޙަލާތައް ނިމިފައިވާއިރު، ޖުމްލަ 58،585 ފޯމު ވަނީ ހުށަހަޅާފައެވެ. މިހާރު ކުރިއަށްދަނީ އެޕްލިކަންޓުންގެ ގޯތި ގެދޮރާއި ބިންވެރިކަމާ ގުޅޭ މަޢުލޫމާތުތައް ވެރިފައިކުރުމުގެ މަސައްކަތްތަކެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް އަދި އެހެނިހެން އިދާރާތަކުގައި ހުރި ގޯތިގެދޮރުގެ ރަޖިސްޓްރީއާ ގުޅޭ މަޢުލޫމާތުތައް މިހާރު އެއްކޮށްފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ، މި މަޢުލޫމާތުތައް ބަލާނީ މުޅިން އޮޓަމޭޓެޑް ޕްލެޓްފޯމަކުން ކަމަށާއި، މަޢުލޫމާތު ފުށުއަރާ މީހުންނަށް ޕޯޓަލް މެދުވެރިކޮށް އެކަން އަންގައި ޖަވާބުދާރީވުމަށް 7 ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށެވެ. “7 ދުވަހުގެ މުއްދަތުގެ ތެރޭގައި އެއްވެސް ޖަވާބެއް ނުދީފިނަމަ އެ މަޢުލޫމާތު ރަނގަޅުކުރުމަށް ދިން މުއްދަތު ބަންދުވާނެ. މިލްކުވެރިކަމާ ގުޅޭ މި ބައި، މިއީ ފުލީ އޮޓަމޭޓެޑް ބައެއް. ސިސްޓަމުން އެ މަޢުލޫމާތު ސައްޙަކަން ނޫންކަމަށް ފްލޭގް ކުރީމަ އެކަން މި އަންގަނީ އެޕްލިކަންޓަށް. ޖަވާބުދާރީވާން ފުރުޞަތެއް މި ދެނީ،” ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
އިދާރާތަކުގައި ހުރި މަޢުލޫމާތުތަކަކީ އަދާހަމަ ނުވެ ހުރި މަޢުލޫމާތަށް ވެދާނެތީ، ޙަޤީޤަތް ބަޔާންކޮށްދިނުމުގެ ފުރުޞަތު އެޕްލިކަންޓަށް ދިނުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ، “ކައުންސިލެއްގައި ހުރެދާނެ އަދާހަމަ ނޫން މަޢުލޫމާތު، ޝަރުޢީ މަރުހަލާއެއްގައި އޮވެދާނެ ކަމެއް، ތަރިކަ މުދަލުގެ މައްސަލައެއް އޮވެދާނެ. އެކަން ރަނގަޅަށް ރަޖިސްޓަރ ނުވެ އޮވެދާނެ. އެޕްލިކަންޓަށް އެންމެ ރަނގަޅަށް އިނގޭނީ އޭގެ ޙަގީގަތް ބުނެދޭން. އެހެންވީމަ އެކަން ސާބިތުކޮށްދެން ފުރުޞަތެއް މި ދެނީ” ކަމަށެވެ.
މިލްކުވެރިކަމާ ގުޅޭ މަޢުލޫމާތުގެ އިތުރުން، ތަޢުލީމާއި ވަޒީފާއާއި ދަފުތަރާ ގުޅުންހުރި މަޢުލޫމާތުތައްވެސް ކަމާގުޅޭ އިދާރާތަކުން ހޯދައި ކަށަވަރު ކުރުމުގެ މަރުޙަލާތައް މިހާރު ދަނީ ކުރިއަށެވެ. އެހެންކަމުން، ކަނޑައެޅިފައިވާ 7 ދުވަހުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް މުޢާމަލާތްތައް ފެށުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ވެރިފިކޭޝަން މަރުޙަލާ ނިންމައި، އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު ޢާއްމުކުރުމަށެވެ.




