ކަނޑުތައް ހިމާޔަތްކުރުމަށް މުޖުތަމައު ގުޅުވައިދޭ “ލާމަފަރު ފެސްޓިވަލް” އަލުން ބާއްވަން ނިންމައިފި

Kanduthah himaayaikurumah mujuthamau gulhuvaidhey "Laamafaru Festival" alun baahvan ninmaifi

ސިކްސް ސެންސަސް ލާމު އަދި މޯލްޑިވްސް އަންޑަވޯޓާ އިނިޝިއޭޓިވް (އެމްޔޫއައި) ގުޅިގެން، ލ. އަތޮޅުގައި ބާއްވާ ކަނޑުގެ މާހައުލު ހިމާޔަތްކުރުމުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ “ލާމަފަރު ފެސްޓިވަލް” އަލުން ބާއްވަން ނިންމައިފިއެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ މި ފެސްޓިވަލުގެ ހަތްވަނަ އެޑިޝަން އޮންނާނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 5 ވާ ހޮނިހިރު ދުވަހު ލ. ގަމު ހަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލުގައެވެ. މިއަހަރުގެ ޝިއާރަކީ “ޕްރޮޓެކްޓިން އަވަރ އޯޝަންސް ޓުގެދާ” އެވެ.

2016 ވަނަ އަހަރު ވެލާ ހިމާޔަތްކުރުމުގެ ފެސްޓިވަލެއްގެ ގޮތުގައި ފެށި މި ހަރަކާތް ވަނީ ފަރުތަކާއި، މޫދުވިނަ އަދި ކަނޑޫފާ ފަދަ މުޅި އަތޮޅުގެ ތިމާވެށި ހިމާޔަތްކުރުމުގެ ފުޅާ ދާއިރާއަކަށް ބަދަލުވެފައެވެ. މި ފެސްޓިވަލް މެދުވެރިކޮށް މިހާތަނަށް 43،900 އަށްވުރެ ގިނަ މީހުންނާ ހަމައަށް ހޭލުންތެރިކަން ފޯރުކޮށްދެވިފައިވާއިރު، ލ. އަތޮޅުގެ 12 ސްކޫލަކަށް ވަނީ ވާސިލްވެފައެވެ. 2026 ވަނަ އަހަރުގެ ފެސްޓިވަލުގައި ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ 11 ރަށަކުން ބައިވެރިވާނެއެވެ.

ތަފާތު ހަރަކާތްތަކާއި މުބާރާތްތައް

މި ފެސްޓިވަލުގައި އެމްޔޫއައިގެ ރިސާޗް ޓީމުން ތައްޔާރުކުރާ ކަނޑުގެ ދިރުންތަކާ ގުޅޭ މައުރަޒުތަކާއި، ތައުލީމީ ކުޅިވަރުތަކުގެ އިތުރުން ސައިންސްވެރިންނާއި ތިމާވެށީގެ މާހިރުންނާ ސުވާލުކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. މީގެއިތުރުން “މޫދުގޭ ވާހަކަ” ޕޯސްޓަރު މުބާރާތާއި، އުކާލާ ތަކެތިން ތަކެތި ހަދާ “ޓްރޭޝް ޓު ޓްރެޝަރ” މުބާރާތާއި، ދިވެހިންނަށް ހުޅުވާލެވިގެން ބާއްވާ ފޮޓޯގްރަފީ މުބާރާތެއްވެސް ކުރިއަށްދާނެއެވެ.

ހަމައެއާއެކު، ބައިވެރިން ގުޅިގެން ކުރަހާ ލައިވް މިއުރަލްއަކާއި، ރީސައިކަލް ތަކެތިން ހެދުން އަޅައިގެން ބާއްވާ “ރީފް ރެލީ” އަދި ބޮޑުބެރާއި ލާމު ސަގާފީ ހުނަރުތައް ދައްކުވައިދޭ ހަރަކާތްތައްވެސް ހިމެނެއެވެ. މި ހަރަކާތުގެ ޝަރަފުވެރި މެހެމާނަކީ ފެތުންތެރިޔާ އަދި ކަނޑުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ އާމިނަތު ޒުނާއެވެ.

މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް، ޕާލޭ މޯލްޑިވްސް، އެމްޑަބްލިޔުއެސްއާރްޕީ، މަސްވެރި އަދި ތިމާވެށީގެ އެކި ޖަމިއްޔާތައް ބައިވެރިވާ މި ފެސްޓިވަލުގައި ކާބޯތަކެއްޗާއި އަތްތެރި މަސައްކަތް ވިއްކާ ސްޓޯލްތައްވެސް ހުންނާނެއެވެ. މި ފެސްޓިވަލުގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށް މުޖުތަމައުތަކުގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ދެކެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments