ބޯހިޔާވަހިކަމަށް މާލީ އެހީދޭ އިތުރު ޕްރޮގްރާމަކަށް ހުޅުވާލަނީ

Boahiyaavahikamah maalee eheedhey program akah hulhuvaalanee

ގެދޮރު އެޅުމާއި ގެދޮރު ގަންނަން މާލީގޮތުން ދަތިވާ މީހުންނަށް އެހީތެރިވުމަށް، މާލީ އެހީ ދިނުމުގެ އިތުރު ޕްރޮގްރާމަކަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ޕީއެސްއެމްގެ ‘ރާއްޖެމިއަދު’ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙުމަދު ނާޒީމް މުޙައްމަދު ވިދާޅުވީ، ރާއްޖޭގައި ގެދޮރުބިނާކުރުމަށް ލޯނު ނެގުމަށް ޝަރުތު ހަމަނުވާތީ، ގެދޮރު ބިނާ ނުކުރެވި އެތައް ބަޔަކު އެބަތިބި ކަމަށެވެ. މިކަމަށް އޮތް ހުރަސްތައް ނައްތާލުމަށް ސަރުކާރުން އެންމެ ފުރަތަމަ ހުޅުވާލި ހިޔާވެހި ސްކީމަށްވެސް ގިނަ ބަޔަކު ކުރިމަތިލާފައިވާއިރު، އެ ސްކީމުގެ ދަށުން ސަރުކާރުން ވަނީ 1.1 ބިލިޔަން ރުފިޔާ ދޫކުރަން ނިންމާފައެވެ.

ނާޒިމް ވިދާޅުވީ، ގެދޮރު ބިނާކުރުމަށް އެހީވުމަށް ބޭންކްތަކާ ގުޅިގެން އިތުރު 2 ފައިނޭންސިން ޕްރޮގްރާމަކަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ސްކީމުގައި ސަރުކާރުން އެހީތެރިކަން ދޭނީ، އަމިއްލަ ބިން އޮވެ ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކުން ބޭންކުތަކުން ލޯނަށް އެދޭއިރު އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމުގައެވެ.

“ސަރުކާރުން އިކުއިޓީއަށްވާ ފައިސާ ދޫކޮށްގެން ބޭންކުން ފައިސާ ލިބޭނެ އިންތިޒާމް މި ހަމަޖައްސަދެނީ. 2 ލައްކަ ރުފިޔާ އިކުއިޓިގެ ގޮތުގައި ދީގެން 1 މިލިޔަން ރުފިޔާއާ ހަމައަށް ލޯނު ލިބޭ ސްކީމެއް މިއީ. ސްކީމް 2 މަސްތެރޭ އިފްތިތާހުކުރުމަށް މަސައްކަތްކުރަނީ،” ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ރަށްރަށުގައި ހިންގާ ފްލެޓް މަޝްރޫޢުތަކުގައި ނުވަތަ ހައުސިން ޔުނިޓެއް ގަންނަން އިކުއިޓީ ނެތް ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި، އެ ބައިގައި 2.5 ލައްކަ ރުފިޔާ އިކުއިޓީގެ ގޮތުގައި ދޫކުރާނެކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. މި މާލީ އެހީ ދޫކުރުމަށްޓަކައި 4 ބޭންކަކާއެކު އެމްއޯޔޫގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކީ ނޮވެމްބަރު މަހުގެތެރޭގައި މި ސްކީމަށް ހުޅުވާލުމެވެ.

ހަމައެއާއެކު ސަރުކާރުން ކުރިއަށްގެންދާ އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލްގެ ސްކީމުން ފްލެޓް ގަންނަ މީހުންނަށް، ސޯޝަލް ހައުސިން ސްކީމަށް ނުވަދެ އެ ތަންތަން ގަނެވޭނެ ގޮތަށް މާލީ އެހީ ދޭނެ ސްކީމެއް ވެސް އިފްތިތާޙުކުރާނެއެވެ. މިގޮތުން ހުޅުމާލެ ފޭސް 3ގައި ކުރިއަށްގެންދާ 1000 ހައުސިން ޔުނިޓާއި، އަތޮޅުތަކުގައި ހިންގާ މިފަދަ ސްކީމްތަކަށް ކުރިމަތިލެވޭނެ ކަމަށާއި، އައްޑޫގައި 550 ޔުނިޓްގެ ޕްރޮޖެކްޓެއް އަދި ފުވަމުލަކުގައިވެސް ޕްރޮޖެކްޓެއް ޕްރައިވެޓް ސެކްޓަރއާއެކު ކުރިއަށްގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments