ބޭރުފައިސާ ޤާނޫނުގައި ރިސޯޓުތަކުން ޑޮލަރުން މުސާރަ ދިނުމަށް ހުރަހެއް ނެތް
Beyrufaisaa qaanoonugai resorttahkun dollar dhinumah huraheh neiy

ރާއްޖޭގެ ބޭރުފައިސާގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ވެސް ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތްކަން ހާމަވެއްޖެއެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ދިވެހި ރުފިޔާއަށް ބަދަލުކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ކަންބޮޑުވުން އުފެދުނު ނަމަވެސް، ޤާނޫނަށް ގެނައި އިސްލާހުގައި ވެސް އަދި މީގެ ކުރިން ވެސް އެފަދަ ކަމަކަށް ހުރަސްއަޅާފައެއް ނުވެއެވެ.
ރިސޯޓު މުވައްޒަފުންނަށް ބޭރުފައިސާއިން މުސާރަ ދެވޭނެ
ޤާނޫނަށް ގެނައި ބަދަލުތަކުގެ ތެރޭގައި ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރުން ލާޒިމްކޮށްފައި ވީނަމަވެސް، އެކަމުގައި ރިސޯޓުތަކަށް ލުއިތަކެއް ޤާނޫނުގެ ތެރެއިން ލިބިދެއެވެ. އެގޮތުން، ކަނޑައެޅިފައިވާ މިންވަރަށް ބޭރުފައިސާ މާރުކޮށްފިނަމަ ބޭރުފައިސާގެ މާލީ އިލްތިޒާމުތައް އަދާކުރުމަށް ދަތިވާނެކަން ބަޔާންކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުށަހެޅުމުން، އެކަން ބެލުމަށްފަހު އެމްއެމްއޭއިން ލުއި ދޭނެއެވެ.
ރާއްޖޭގެ އެތެރޭގެ މުޢާމަލާތްތަކުގެ 40 އިންސައްތަ ބޭރުފައިސާއިން ކުރަމުންދާއިރު، މި މުޢާމަލާތްތައް ދިވެހި ރުފިޔާއަށް ބަދަލުކުރުމަކީ މަރުކަޒީ ބޭންކުގެ ސިޔާސަތެކެވެ. މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ “ދުނިޔޭގެ އެހެން ޤައުމުތަކުންވެސް އެޤައުމެއްގެ އެތެރޭގެ ބާޒާރުގައި ބޭނުންކުރާނީ އެޤައުމެއްގެ ފައިސާ” ކަމަށެވެ. އެމްއެމްއޭގެ އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި މި ބަދަލު ގެންނާނީ މެކްރޯ އިސްލާހުތައް ތަންފީޒުކޮށް، އިޤްތިޞާދަށް އަންނަ ބަދަލުތައް ދިރާސާކުރުމަށްފަހު 2030 ވަނަ އަހަރަށެވެ.
ބޭރުފައިސާގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރަން ތަންފީޒީ ފިޔަވަޅުތަކެއް
ރާއްޖެއަށް ވަންނަ ބޭރުފައިސާ ބޭންކިން ނިޒާމުގެ ތެރޭގައި ދައުރުނުވުމާއި، ހަނގުރާމައިގެ ސަބަބުން އިމްޕޯޓް ޚަރަދުތައް އިތުރުވުމާއި، ބާޒާރުގައި ތެލުގެ އަގު 3 ގުނަ އުފުލި ދަރަނި ދެއްކުމުގެ ސަބަބުން ރިޒާވް ވަނީ ދަށްވެފައެވެ. މިކަންކަމާއެކު ބޭރުފައިސާ ލިބުނު ނަމަވެސް އެމެރިކާ ޑޮލަރުގެ އަގު ވަނީ އުފުލިފައެވެ. މި މައްސަލަ ހައްލުކުރުމަށް މަރުކަޒީ ބޭންކުން ވަނީ ފައިސާގެ ސިޔާސަތު ހަރުކަށިކޮށް، ބޭރުފައިސާގެ ޤާނޫނަށް އިސްލާހުތަކެއް ގެނެސްފައެވެ.
މީގެއިތުރުން، ރަސްމީ ރޭޓުން ބޭރުގައި ބޭރުފައިސާ މާރުކުރުމާއި އަގުތައް އިޝްތިހާރުކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެފަދަ ފަރާތްތައް ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ޤާނޫނުގައި ވަނީ ހިމަނާފައެވެ. އެމްއެމްއޭއިން ދަނީ ބޭންކުތަކަށް ޑޮލަރު މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް ޢާންމުކުރުމާއި، ޤަވާއިދާ ޚިލާފުވި އެކްސްޗޭންޖަރެއް ބަންދުކުރުން ފަދަ ފިޔަވަޅުތައް އަޅަމުންނެވެ. އަދި އަގުބޮޑުކޮށް ޑޮލަރު ވިއްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް ތަންފީޒީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.




