މިއަހަރު 7 ރަށެއްގެ އައިސްޕްލާންޓު އޮޕަރޭޝަނަށް ގެންނަނީ
Miaharu 7 rashehge iceplat operationah gennanee

މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިއަހަރުގެ ނިޔަލަށް އިތުރު 7 ރަށެއްގެ އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަނީ މި ސަރުކާރު ހަވާލުވިފަހުން މިހާތަނަށް 5 އައިސްޕްލާންޓެއް ތަރައްޤީކޮށް ޚިދުމަތް ދޭން ފަށާފައިވާކަން ފާހަގަކުރައްވާފައެވެ.
މިއަހަރުގެ ނިޔަލަށް ނިންމުމަށް އަމާޒުހިފާފައިވާ 7 އައިސްޕްލާންޓުގެ ތެރޭގައި ހިމެނެނީ މ. ވޭވަށުގައި ޤާއިމްކުރާ 60 ޓަނުގެ ޕްލާންޓާއި، ޅ. ނައިފަރުގެ 40 ޓަނުގެ ޕްލާންޓުގެ އިތުރުން ލ. މާބައިދޫގައި ޤާއިމްކުރާ 25 ޓަނުގެ ޕްލާންޓެވެ. މީގެ އިތުރުން ލ. މާވަށް އަދި ލ. ހިތަދޫގައި ޤާއިމްކުރާ 10 ޓަނުގެ ދެ ޕްލާންޓާއި، އއ. އުކުޅަސް އަދި ބ. ކުޑަރިކިލުގައި ޤާއިމްކުރާ 5 ޓަނުގެ އައިސްޕްލާންޓް ހިމެނެއެވެ. މި މަޝްރޫޢުތަކުގެ ތެރެއިން ބައެއް ޕްލާންޓްތަކުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާއިރު، ބައެއް މަސައްކަތްތައް ވަނީ ފެށުމުގެ މަރުހަލާގައެވެ.
މީގެ އިތުރުން މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު މުޅިންވެސް 30 ޓަނުގެ އިތުރު 11 އައިސްޕްލާންޓެއް ތަރައްޤީކޮށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ހދ. ކުޅުދުއްފުށި، ދ. ހުޅުދެލި، މ. މުލައް، ގއ. ދާންދޫ، ކ. ގާފަރު، ހއ. ދިއްދޫ، އއ. ރަސްދޫ، ގދ. ރަތަފަންދޫ، ގއ. ނިލަންދޫ، ގއ. ވިލިގިލި އަދި ށ. ކޮމަންޑޫ ހިމެނެއެވެ. ކ. ގާފަރަކީ މިހާރުވެސް އައިސްޕްލާންޓެއް ހުރި ރަށެއް ނަމަވެސް އެތަނުގެ އުފެއްދުންތެރިކަން ދަށްވުމާއެކު، މަސްވެރިންގެ އެދުމުގެ މަތިން އައު ޕްލާންޓެއް ޤާއިމްކުރަން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުތަކާއެކު ޖުމްލަ 23 އައިސްޕްލާންޓެއް ތަރައްޤީކުރެވި، ދުވާލަކު 630 ޓަނުގެ އައިސް އުފެއްދުމުގެ ކެޕޭސިޓީ އިތުރުވެގެންދާނެއެވެ. މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގެ އިތުރުން ދޯނިފަހަރުގައި މަސް ފިނިކުރާ ނިޒާމު (އާރްއެސްޑަބްލިއު) ޤާއިމްކުރުމަށްވެސް ސަރުކާރުން އެހީތެރިކަން ދެމުންދާއިރު، މި ނިޒާމު ބޭނުންކުރާ މިންވަރު އުތުރަށްވުރެ ދެކުނުގައި އިތުރުކަމުން، އަލަށް ޤާއިމްކުރެވޭ އައިސްޕްލާންޓްތަކުގެ ސަބަބުން އެކި ސަރަހައްދުތަކުގެ މަސްވެރިންނަށް އައިސް ހޯދުމުގައި ބޮޑު ލުޔެއް ލިބިގެންދާނެއެވެ.




