ފެނަކަ އުވާލައި، ސްޓެލްކޯގެ ދަށަށް ހިދުމަތްތައް ބަދަލުކުރަނީ

FENAKA uvaalai STELCO ge dhashah hidhumaithah badhalukuranee

ރާއްޖޭގެ ރަށްރަށަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަން އުވާލައި، ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ހިދުމަތް ދިނުން ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފި އެވެ. މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ކުންފުންޏެއް ނޫން

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުގައި ފެނަކައިގެ ނަމުގައި ހިންގާފައިވާ ޖަރީމާތައް އޮޑިޓާ ޖެނަރަލް އޮފީހުގެ ރިޕޯޓުތަކުން ސާފުވާ ކަމަށާއި، އެ ކުންފުނީގެ ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް، ފަންނީ ބޭފުޅުންގެ ލަފައާއެކު ބެލިބެލުމުން ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅަށް ހިންގިދާނެ ކުންފުންޏެއް ނޫންކަން އެނގިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ހުރިހާ ހިދުމަތެއް ސްޓެލްކޯގެ ދަށަށް

މި ނިންމުމާ ގުޅިގެން ރައީސް ވިދާޅުވީ، ފެނަކަ އުވާލުމަށްފަހު އެ ކުންފުނިން ދެމުންދިޔަ ހުރިހާ ހިދުމަތްތަކާއި މަސައްކަތްތައް ކުރިއަށްގެންދާނީ ސްޓެލްކޯގެ ބެލުމުގެ ދަށުން ކަމަށެވެ.

”އެހެންވީމަ ސަރުކާރުން މިކަމާ މެދު ވަރަށް ފުންކޮށް ވިސްނައި މަޝްވަރާކުރުމަށް ފަހު ނިންމާފައި މިވަނީ ފެނަކަ އުވާލުމަށް ފަހު ސްޓެލްކޯއާ އެއްކޮށްލަން. އެހެންވީމަ މުޅި ރާއްޖޭގައި ހިދުމަތް ދޭނީ ސްޓެލްކޯ އިން މި ޕްރޮސެސް ނިމުނީމަ،“ ރައީސް ވިދާޅުވި އެވެ.

މި މަރުހަލާގެ މަސައްކަތްތައް ނިމުމުން، މުޅި ރާއްޖޭގައި ކަރަންޓާއި އަދި ފެނަކައިން ދެމުންއައި އެހެނިހެން ހިދުމަތްތައް ދެމުން ގެންދާނީ ސްޓެލްކޯ މެދުވެރިކޮށެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted