ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ލ.އަތޮޅުގެ ތިން ފަޅު ރަށެއް ކުއްޔަށް ދޫކުރަނީ

ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ލ.އަތޮޅުގެ ތިން ފަޅު ރަށެއް ކުއްޔަށް ދޫކުރުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އިޢުލާނު ކޮށްފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އިޢުލާނުގައިވާ ގޮތުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ބޮޑުމުންޏަފުށްޓާއި، ހަންހުށްޓާއި ކަށިދުއެވެ.
އެގޮތުން 3.14ހެކްޓަރުގެ ބޮޑުމުންޏަފުށީގެ އެކުއިޒިޝަން ކޮސްޓަކަށް ކަނޑައަޅާފައިވަނީ 471000 އެމެރިކާ ޑޮލަރެވެ. ހަންހުށީގެ އެކުއިޒިޝަން ކޮސްޓަކަށް 421500 އެމެރިކާ ޑޮލަރު ކަމަށް ކަނޑައަޅާފައިވާއިރު މި ރަށުގެ ބޮޑު މިނަކީ 2.81 ހެކްޓަރެވެ. 3.11 ހެކްޓަރުގެ ބޮޑުމިން އޮންނަ ކަށިދޫގެ އެކުއިޒިޝަން ކޮސްޓަކީ 446500 އެމެރިކާ ޑޮލަރެވެ.
މި ރަށްތައް ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލްއާއެކު އެޕްލިކޭޝަން ފޯމު ހުށައެޅުމަށް، ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކޮށްފައިވާ އިޢުލާނުގައިވެއެވެ.
ލ.އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ސަރުކާރުން ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު، ލ.އަތޮޅަށް އުފަން އިބްރާހީމް ފައިސަލް ވިދާޅުވެފައި ވެއެވެ.