ރާއްޖޭގެ ހޫނުމިން މައްޗަށްދާތީ ހީޓް ސްޓްރޯކުން ރައްކާތެރިވުމަށް އެޗްޕީއޭގެ އިންޒާރެއް

Raajjeyge hoonumin mahchadhaathee heat strokun rahkaatherivumah HPA ge inzaareh

ރާއްޖޭގެ ފިނިހޫނުމިން އާއްމު މިންވަރަށްވުރެ މައްޗަށް ދާތީ، ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ހޫނު ގަދަވުމުގެ ސަބަބުން ”ހީޓް އެކްޒޯސްޝަން“ ނުވަތަ ހޫނު ގަދަވެގެން ވަރުބަލިވުން އަދި ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ހާލަތެއް ކަމަށްވާ ”ހީޓް ސްޓްރޯކް“ ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި ފެންނާނެ އަލާމާތްތަކަށް ސަމާލުވެ، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމަށް އެ އޭޖެންސީން ވަނީ އެދިފައެވެ.

ހީޓް ސްޓްރޯކްގެ އަލާމާތްތަކާއި އަޅަންޖެހޭ ފިޔަވަޅުތައް

ހީޓް ސްޓްރޯކް ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ބޮލަށް އެނބުރުން އެރުން ނުވަތަ ހޭނެތުން، ހަށިގަނޑުގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ މައްޗަށް ދިއުން، ހަންގަނޑު ރަތްވެ އާދަޔާ ޚިލާފަށް ހޫނުވުން، އަދި ވިންދު ޖަހާ މިންވަރު އަވަސްވެ ނޭވާލާން އުނދަގޫވުން ހިމެނެއެވެ.

ހޫނުގެ އަސަރުކޮށްގެން މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް 100 އަށް ގުޅައި ޞިއްޙީ އެހީތެރިކަން ހޯދުމަށާއި، ހިޔާ ސަރަހައްދަކަށް ނުވަތަ އޭސީ ކޮށްފައިވާ ފިނި ތަނަކަށް ބަދަލުވުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ. މީގެއިތުރުން ބާރު އަންނައުނު ދޫކުރުމާއި، ތެތް ފޮތިކޮޅަކުން ހަށިގަނޑުގައި ފިނިފެން އުނގުޅުމުގެ އިތުރުން، ހޭނެތިފައިވާ މީހަކަށް އަނގަޔަށް އެއްވެސް އެއްޗެއް ނުދިނުމަށާއި ހޭވެރިކަން ހުރިނަމަ ފެންފޮދެއް ދިނުމަށް ވަނީ އެދިފައެވެ. އަދި ދުވާލުގެ ހޫނުގަދަ ވަގުތުތަކުގައި ބޭރުގައި އުޅުން މަދުކުރުމަށާއި ގިނަގިނައިން ފެން ބުއިމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ކުރިއަށް އޮތް ތިން މަހުވެސް ހޫނުމިން މަތިވާނެ

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވަނީ، ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާތީ ކުރިއަށް އޮތް ތިން މަސްދުވަހު ރާއްޖޭގެ ފިނިހޫނުމިން އާއްމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މި މަހުން ފެށިގެން ނޮވެންބަރުގެ ނިޔަލަށް މެދުރާއްޖެތެރެއަށް އާންމުކޮށް ވާރޭވެހޭ ވަރަށްވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހޭނީ އާއްމު މިންވަރަށްވުރެ މަދުންނެވެ. އަދި މުޅި ރާއްޖޭގެ ހޫނުމިންވެސް ހުންނާނީ އާންމު ވަރަށްވުރެ މަތީގައެވެ.

މޫސުމަށް އަންނަ މި ބަދަލުތަކާއެކު ހޫނުމިން އިތުރަށް މައްޗަށް ދާނެ ކަމަށް ބެލެވޭތީ، ޚާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން މިދުވަސްވަރު ޞިއްޙަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted