ގަމުގައި އަޅާ 100 ހައުސިންގ ޔުނިޓުގެ 95.5 އިންސައްތަ މަސައްކަތް ނިމިއްޖެ

Gamugai alhaa 100 housing unitge 95.6 insahtha masahkaiy nimihjje

ލ. ގަމުގައި ސަރުކާރުން ކުރިއަށްގެންދާ ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުގެ 95.5 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ލ. ގަމުގައި 100 ހައުސިންގ ޔުނިޓު އެޅުމުގެ މި މަޝްރޫޢުގެ ބޮޑުބައި މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އަދި މިހާރު ކުރިއަށްދަނީ އިމާރާތްތަކުގެ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތަކެވެ.

މަޝްރޫޢުގެ މުހިންމު ތަފްޞީލުތައް

ދަޢުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބިނާކޮށްފައިވަނީ 1،000 އަކަފޫޓުގެ 3 ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެކެވެ. މިއިން ކޮންމެ ޔުނިޓެއްގައި ކޮންމެ ކޮޓަރިއަކަށް ފާޚާނާއަކާއި، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީގެ އިތުރުން ސްޓޯ ރޫމެއް ހިމެނެއެވެ.

ހައުސިންގ ޔުނިޓުތައް ދޫކުރާނީ ހަމައެކަނި ގަމުގެ ރައްޔިތުންނަށް

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ 100 ހައުސިންގ ޔުނިޓު ދޫކުރާނީ ގަމުގެ ރައްޔިތުންނަށް ކަމަށާއި، ރަށުން ބޭރު މީހުންނަށް އެއިން ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

”މިހާރު އަޅަމުންދާ 100 ޔުނިޓާ ބެހޭގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުން، ސަރުކާރުގެ ސިޔާސަތު މިކަމުގައި. މި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުން. މި 100 ހައުސިންގ ޔުނިޓު މިހާރު ނިމުމަކާ ހަމައަށް އެދަނީ. ނިމުނީމަ، އެ 100 ޔުނިޓު އެކީގައި ކަނޑައެޅިގެންދާނީ މި ރަށުގެ ރައްޔިތުންނަށް. ރަށުން ބޭރުން މީހުން ބަދަލުކުރުމަކަށް، އެ 100 ޔުނިޓަކުންނެއް އަޅުގަނޑުމެން ކަނޑައެއްނާޅާނަން. ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ގެންދަނީ،“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ގަމުގައި އިތުރު 100 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި އެހެން ފަރާތަކާ ހަވާލުކޮށްގެން އިތުރު 100 ޔުނިޓުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، ޖުމްލަ 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ކަނޑައަޅާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted