ގަމުން ބޭރު މީހުންނަށް ހައުސިންގ ޔުނިޓްތައް ދޫނުކުރަން ނިންމި ނިންމުން ބަދަލުކުރުމަށް ކައުންސިލް ރައީސް އެދިލައްވައިފި
Gamun beyru meehunah housig unit thah dhoonukuran nimmi ninmun badhalukurumah council raees edhilahvaifi

ލ. ގަމުގައި އަޅާފައިވާ ހައުސިންގ ޔުނިޓްތައް ރަށުން ބޭރު މީހުންނަށް ދޫނުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އެ ނިންމުން ބަދަލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން ލ. ގަމު ކައުންސިލްގެ ރައީސް އަފްސަލް ޖައުފަރު އެދިވަޑައިގެންފިއެވެ.
ކައުންސިލްގެ ރައީސް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަށުން ބޭރު މީހުންނަށް އެ ޔުނިޓްތަކުން ފުރުސަތު ލިބުމަކީ ގަމުގެ އާބާދީ އިތުރުވެގެންދާނެ ކަމެއް ކަމަށެވެ. އަދި އާބާދީ އިތުރުވުމަކީ އެންމެން ވެސް އެދޭ ތަރައްގީއަށް ލިބިގެންދާނެ ބޮޑު ބާރަކަށް ވާތީ، މި ނިންމުން ބަދަލުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް އިހުތިރާމާއެކު އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ލ. ގަމުގައި ސަރުކާރުން ކުރިއަށްގެންދާ 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުގެ 95.5 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވީ، މަޝްރޫޢުގެ ބޮޑުބައި ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތަކެވެ. ދަޢުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވަނީ 1،000 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ 100 ހައުސިންގ ޔުނިޓު އެކީގައި ދޫކުރާނީ ގަމުގެ ރައްޔިތުންނަށް ކަމަށާއި ރަށުން ބޭރު މީހުންނަށް އޭގެއިން ޖާގަ ނުދެއްވާނެ ކަމަށެވެ. މީގެއިތުރުން، އެޗްޑީސީ މެދުވެރިކޮށް އަދި އެހެން ފަރާތްތަކާ ހަވާލުކޮށްގެން ގަމުގައި އިތުރު ހައުސިންގ ޔުނިޓުތައް އެޅުމާއެކު ޖުމްލަ 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.




