”އެލް ނީނޯ“ ގެ ބާރު ގަދަވެ ރާއްޖެއަށް އަސަރު ކުރާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އަންގައިފި
"Elnino" ge baaru gadahve raajje ah asarukuraanethee rahkaatheri kamuge fiyavalhuthah alhan anagaifi

ޕެސިފިކް ކަނޑުގައި އުފެދިފައިވާ ”އެލް ނީނޯ“ ގެ ބާރު އިތުރަށް ގަދަވަމުންދާތީ، ރާއްޖެއަށް ވެސް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ލަފާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އަންގައިފިއެވެ.
ހުރިހާ ދާއިރާތަކަކުން ދުރާލާ ތައްޔާރުވުމަށް އެންޑީއެމްއޭއިން އިލްތިމާސްކުރުން
އެންޑީއެމްއޭއިން ވިދާޅުވީ، އެލް ނީނޯގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ހުރިހާ ދާއިރާތަކަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ ރޭވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަތުމަށާއި، ޒަރޫރީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ވިޔަފާރިތަކުންނާއި މުއައްސަސާތަކުން ’ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން‘ އެކުލަވައިލުމާއި މުރާޖައާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެއިތުރުން މުދަލާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، މޫސުމީ ލަފާކުރުންތަކަށް ބަލައި ދުރާލާ ފިޔަވަޅު އެޅުމަށް ވެސް ވަނީ އެދިފައެވެ. ބޮޑެތި ކުންފުނިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމަލީ ގޮތުން ތަންފީޒުކުރެވިދާނެ މުހިންމު އުސޫލުތަކެއް ޔޫއެންޑީއާރްއާރް އިން އާންމުކޮށްފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ފާހަގަކުރެއެވެ.
މޫސުމަށް އަންނާނެ ބަދަލުތަކާއި ކުރާނެ އަސަރުތައް
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައިވާ ގޮތުގައި އެލްނީނޯގެ އަސަރު އެންމެ ބޮޑަށް ގަދަވާނީ ނޮވެމްބަރު މަހުގައެވެ. އަދި މި ހާލަތު އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ދިގުލައިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ސަބަބުން ރާއްޖެއަށް ވާރޭވެހޭ މިންވަރު މަދުވެ، އާންމުކޮށް ހުންނަ ވަރަށްވުރެ ހޫނުމިން އިތުރުވުމުގެ އިތުރުން ކަނޑުގެ ލޮނުގަނޑު ހޫނުވުން އެކަށީގެންވެއެވެ.
މެޓް އޮފީހުން ވިދާޅުވި ގޮތުގައި، ”އެލްނީނޯގެ އަސަރު މެކްސިމަމްއަށް ދާނީ ނޮވެމްބަރު މަސްތެރޭ. އެހެންނަމަވެސް އަންނަ އަހަރުގެ ފެބްރުއަރީއާ ހަމައަށް މި ހާލަތު ދިގުލައިގެންދާނެކަމަށް ބެލެވޭ. މީގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްފަދައިން ރާއްޖެއަށްވެސް މީގެ އަސަރު ކުރާނެ. އެގޮތުން ވާރޭވެހޭ މިންވަރު މަދުވުމާއި، އެވްރެޖު ހޫނަށްވުރެ ހޫނުގަދަވުމާއި، މަސްވެރިކަމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމަށް ނޭދެވޭ އަސަރުކުރުން އެކަށީގެންވޭ.“
ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މަސްވެރިންނަށް ދަތިތަކާ ކުރިމަތިވާނެތީއާއި، ރާއްޖޭގެ އިޤުތިސާދަށް މުހިންމު ދާއިރާތައް ކަމަށްވާ މަސްވެރިކަމާއި، ފަތުރުވެރިކަން އަދި ދަނޑުވެރިކަމަށް މީގެ ނޭދެވޭ އަސަރު ފޯރާނެތީ، އެ ދާއިރާތަކުން ކުރިމަތިވެދާނެ ބަދަލުތަކަށް ދުރާލާ ތައްޔާރުވެ ތިބުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.




