ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި

Raajjeygai binaakuraa enmme bodu miskithuge bingaa alhaifi

ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ކަމަށްވާ ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ ގެ ބިންގާ ރަސްމީކޮށް އަޅައިފިއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެން ބިންގާ އެޅުނު މި ބިނާއަކީ ”ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރ“ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައި ޤާއިމުކުރާ މި ބިޔަ މަޝްރޫޢު ފައިނޭންސްކޮށް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އަލްރާޖިޙީ ކުންފުންޏާއެވެ.

އެއްފަހަރާ ގާތްގަނޑަކަށް 10,000 މީހުންނަށް ނަމާދުކުރެވޭ ފެންވަރަށް ތަރައްޤީކުރާ މި މަރުކަޒަކީ ރާއްޖޭގެ އިސްލާމީ ޙަޟާރަތާއި ފަރުމާވެރިކަން ދައްކުވައިދޭނެ ފުރިހަމަ ބިނާއެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިއީ އަންނަން އޮތް ޖީލުތަކަށް އީމާންކަމާއި، ޢިލްމު އަދި އެއްބައިވަންތަކަން ވާސިލުކޮށްދޭނެ އަގުހުރި ތަރިކައެކެވެ.

މި މިސްކިތް ކޮމްޕްލެކްސްގައި ނަމާދުކުރާ ހޯލުގެ އިތުރުން އިސްލާމީ ޘަޤާފަތާއި އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ހިމެނެއެވެ. އެގޮތުން އިމާމުންނާއި އިދާރީ މުވައްޒަފުންގެ އޮފީސްތަކާއި، އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މަޢުލޫމާތު ފެންނަން ހުންނާނެ ޤުރުއާން ދާރުލްއާސާރެއް ޤާއިމްކުރާނެއެވެ. މީގެއިތުރުން އެގްޒިބިޝަން ހޯލަކާއި، މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއް، ވިޒިޓާސް އޭރިއާ، އިސްލާމީ ފޮތް ފިހާރަ އަދި ގިފްޓް ޝޮޕެއްވެސް ހިމެނެއެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި އަޢުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، އަލްރާޖިޙީ ކުންފުނީގެ ސީއީއޯ ބަންދަރު ޢަބްދުﷲ އަލްރާޖިޙީ އާއި، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލް-ޤަހްތާނީ އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted