އުފެއްދުންތެރިކަމުގެ މައުރަޒަށް 800 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިއްޖެ

Ufehdhuntherikamuge maurazah 800 ahvure gina application libihjje

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގެ ވާދަކުރުމުގެ ބައިގެ މުއްދަތު ހަމަވިއިރު 800 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފިއެވެ. މި ބައިގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު ހަމަވެފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ އެސިސްޓެންޓް ޑިރެކްޓަރ، ސްޓްރެޓިޖީކް ޑިވެލޮޕްމަންޓް އެންޑް ރީޖަނަލް ސަރވިސަސް އަރީޝާ މޫސާ ވިދާޅުވީ މިއަހަރުގެ އެކްސްޕޯއަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި، ލިބުނު އެޕްލިކޭޝަންތަކުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 4 ގުނަ އިތުރު ކަމަށެވެ. އަދި ހުޅުވާލި 8 ދާއިރާއިންވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެންމެ ގިނައިން އެޕްލިކޭޝަން ލިބިފައިވަނީ އަމިއްލަ ފަރުދުންގެ ދާއިރާއިންނެވެ.

އަރީޝާ އިތުރަށް ވިދާޅުވީ ”ތަފާތު އެކި ޑިސްޓްރިކްޓްތަކުގައި ހުޅުވާލުމަށާއި މާކެޓް ޕްލޭސްގެ ޑިސްޓްރިކްތައް އާންމުންނަށް ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުން“ ކަމަށެވެ.

ބައިނަލްއަޤްވާމީ ފަރާތްތަކަށް ޚާއްސަ ޑިސްޓްރިކްޓެއް

ބީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މާކެޓިން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް މުޙައްމަދު އީމާން އަޙްމަދު ވިދާޅުވީ މި މައުރަޒުގައި ހުރިހާ ކަމެއް ހިމެނޭހެން 1000 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މިދިޔަ އަހަރު 5 ޑިސްޓްރިކްޓް ހިމެނުނު ނަމަވެސް މިފަހަރު 7 ޑިސްޓްރިކްޓް ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.

އީމާން ވިދާޅުވީ ”މިދިޔަ އަހަރުގެ ތަޖުރިބާއާ އެކު މިފަހަރު ބައިނަލްއަޤްވާމީ ފަރާތްތަކަށް ޚާއްސަ ޑިސްޓްރިކްޓާއެކު ދިވެހި ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރެވޭނެ ނިޒާމެއް ޤާއިމް ކުރަނީ. މިފަހަރު ވަރަށް ބޮޑަށް ވެގެންދާނެ ބައިނަލްއަޤްވާމީ ބާޒާރަށް ދިވެހި އުފެއްދުންތައް ނެރެވޭނެ ގޮތްތަކަކީ ކޮބާތޯ ބެލުމަށާއި އަޅުގަނޑުމެންނަށް ކޮށްދެވޭނީ ކޮންކަހަލަ ކަންތައްތަކެއްތޯ ދެނެގަތުން“ ކަމަށެވެ.

މައުރަޒުގެ މުހިންމު ބައިތަކާއި ސަޤާފީ ވާދަ

މި މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި ޚިދުމަތްތައް ދެއްކުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މިއަހަރު 13 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެއިތުރުން، ބަނޑިޔާ ޖެހުން، ލަނގިރި، ތާރަ ޖެހުން، ދަނޑި ޖެހުން، މާފަތި އަދި ފަތިގަނޑު ޖެހުން ހިމެނޭހެން ކުރިއަށްގެންދާ ސަޤާފީ ވާދައިގައި ބައިވެރިވުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

ސަޤާފީ ވާދައިގެ 1 ވަނައަށް 75،000 ރުފިޔާ، 2 ވަނައަށް 50،000 ރުފިޔާ އަދި 3 ވަނައަށް 25،000 ރުފިޔާ ކަނޑައަޅާފައިވާއިރު، އެންމެ މަޤްބޫލު ޓީމަކަށް 25،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ރަޖިސްޓަރ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 17 ސެޕްޓެމްބަރ 2026 އެވެ. މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 25 އިން ނޮވެންބަރު 2 ގެ ނިޔަލަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted