ޤާނޫނީ ހައްލާއެކު ޑޮލަރު މައްސަލައަށް ހެޔޮ ބަދަލެއް އަންނާނެ: އޭޖީ
Qaanoonee hahlaaeku dollar mahssala ah heeyo badhaleh annane: AG

ބޭރުފައިސާގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ޤާނޫނަށް ގެނައި އިސްލާޙުތަކުގެ ސަބަބުން ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހެޔޮ ބަދަލެއް އަންނާނެކަމަށް ޤަބޫލުކުރައްވާކަމަށް ބަންޑާރަ ނައިބު އަލްއުސްތާޛް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބޭރު ފައިސާގެ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގައެވެ.
ބޭރު ފައިސާގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، ބޭރު ފައިސާގެ ޤާނޫނަށް ގެނެވުނު އިސްލާޙާއެކު ހެޔޮ ބަދަލެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށެވެ. އަދި ”ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން 40 އިންސައްތަ މާރުކުރަންޖެހޭގޮތަށް މިގެނެވުނު އިސްލާޙާއެކު އަޅުގަނޑު ޤަބޫލުކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އޭގެ ޕޮޒިޓިވް ޗޭންޖްތަކެއް ފެނިގެންދާނެކަމަށް. ޤާނޫނުގައި އޮތްގޮތުން ސެޕްޓެމްބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާފައި މިއޮތީ. އެހެންކަމުން އޮކްޓޯބަރު މަހުގެ 1 އިން ފެށިގެން މާރުކުރަންޖެހޭނެ،“ ކަމަށް އޭޖީ ވިދާޅުވިއެވެ.
ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭ
ބޭރުފައިސާއާ ބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ބޭރުފައިސާއާ ބެހޭ އާންމު ޤާވާއިދަށް ގެނެވުނު އިސްލާހުގައިވާ ގޮތުން، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހޭގޮތަށް ވަނީ ބަދަލުކޮށްފައެވެ.
މީގެއިތުރުން ބަންޑާރަ ނައިބު ވިދާޅުވީ، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާއި ޚިލާފަށް ޑޮލަރު ވިއްކުމާއި، ހުއްދަ ނެތި ނުވަތަ އެމްއެމްއޭގައި ރަޖިސްޓްރީ ނުކޮށް ޑޮލަރު މާރުކުރުމުގެ ވިޔަފާރިކުރަމުންދާ ފަރާތްތަކުން ކުރަމުންދަނީ ޤާނޫނާ ޚިލާފު ވިޔަފާރިއެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެ ކަމުގެ އިންޒާރުވެސް ދެއްވިއެވެ.
ރާއްޖޭގައި ބޭރު ފައިސާގެ މުޢާމަލާތުކުރުމުގައި ބޭރު ފައިސާއާއި ބެހޭ ޤާނޫނާއި، އެމްއެމްއޭގެ ޤާނޫނާއި، ބޭންކިންގެ ޤާނޫނުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުންވެސް ޢަމަލުކުރުމަށް ބަންޑާރަ ނައިބު ވަނީ އިލްތިމާސްކުރައްވާފައެވެ. ރާއްޖޭގައި ބޭރު ފައިސާގެ އަގު ރަސްމީ ރޭޓާއި ޚިލާފަށް ބޮޑުކޮށް ކަޅު ބާޒާރުގައި ވިއްކަމުންދާއިރު، އެކަން ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއެއް ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ.




