ބިދޭސީ މުވައްޒަފުންގެ ބޭންކް އެކައުންޓް ވީއެންމެ އަވަހަކަށް ހުޅުވަން އިލްތިމާސްކޮށްފި

Bidheysee muvahzafuge bank account vee enmme avahakah hulhuvan ilthimaaskohffi

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ނަމުގައި ވީއެންމެ އަވަހަކަށް ބޭންކް އެކައުންޓް ހުޅުވައި ނިންމުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސްކުރައްވައިފިއެވެ.

ބިދޭސީންނަށް ދޭންޖެހޭ މުސާރަ މަރުކަޒީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރަންޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށެވެ. އެހެންކަމުން، ހުރިހާ ވަޒީފާދޭ ފަރާތްތަކުންވެސް އެ ފަރާތްތަކުގެ ދަށުން މަސައްކަތްކުރާ ބިދޭސީންގެ ބޭންކް އެކައުންޓްތައް ވީއެންމެ އަވަހަކަށް ހުޅުވުމަށް އެ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.

މީގެއިތުރުން، ލޭބަރ ރިލޭޝަންސް އޮތޯރިޓީން ތަހުގީގުކުރާ ބިދޭސީ މުވައްޒަފުންގެ މުސާރައާ ގުޅޭ މައްސަލަތަކުގައި މުވައްޒަފަށް މުސާރަ ދީފައިވާކަމަށް ބެލެވޭނީވެސް އެމްއެމްއޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ހުއްދަދީފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެ މުވައްޒަފުގެ އަމިއްލަ އެކައުންޓަށް މުސާރަ ޖަމާކޮށްފައިވާނަމަ ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

ބިދޭސީންގެ މުސާރަ ޖަމާކުރަން ޖެހޭނީ ބޭންކު އެކައުންޓަށް ކަމަށް ކަނޑައަޅައި މީގެ ކުރިންވެސް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، އެކައުންޓަށް މުސާރަ ޖަމާނުކުރާ ފަރާތްތައް ޖޫރިމަނާ ކުރެވޭ ގޮތް ހެދިއެވެ. އޭރު އެކަން ލާޒިމްކުރީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނަގާ ރެމިޓެންސް ޓެކްސް ނެގުމަށެވެ. ނަމަވެސް ސައްހަ ލިޔުން ނެތް ބިދޭސީން ގިނަވުމުން ބޭންކު އެކައުންޓު ނުހުޅުވި، ވަކި ހިސާބަކުން ޖޫރިމަނާ ނެގުން ވަނީ މަޑުޖައްސާލާފައެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދައި އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ބައެއް މީހުންނަށް ޑޮލަރުން އަދި އަނެއްބައި މީހުންނަށް ދިވެހި ރުފިޔާއިން މުސާރަ ލިބޭއިރު، ލިބޭ ޑޮލަރު ކަޅު ބާޒާރުގައި ވިއްކުމާއި، ރުފިޔާއިން މުސާރަ ލިބޭ މީހުން ބޮޑު އަގުގައި ޑޮލަރު ގަންނަ މައްސަލަތައް އަބަދުވެސް އަންނަނީ ފާހަގަކުރެވެމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted