އެކަނިވެރި މައިންނާއި ބަފައިންގެ ދަފްތަރުން 39 ބެލެނިވެރިންނާއި 80 ކުދިން އުނިކޮށްފި
Ekaniveri maninaa bafainge dhaftharun 39 beleniverinaai 80 kudhin unikohffi

އިޖްތިމާއީ ރައްކާތެރިކަމުގެ އެހީގެ ޕްރޮގްރާމްތަކުގެ ދަފްތަރުން އެކަނިވެރި މައިންނާއި ބަފައިންގެ ތެރެއިން 39 ބެލެނިވެރިންނާއި 80 ކުދިން އުނިކޮށްފިއެވެ.
ނެޝަނަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ވަނީ އެ އިދާރާގެ އެހީގެ ޕްރޮގްރާމްތަކުގެ ދަފްތަރުން އެކިއެކި ސަބަބުތަކާ ހުރެ އުނިކުރެވިފައިވާ ފަރާތްތަކުގެ ތަފްސީލު މިހާރު އާންމުކޮށްފައެވެ.
އެންސްޕާއިން ހާމަކޮށްފައިވާ ގޮތުގައި، އެކަނިދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމުގައި ރަޖިސްޓްރީވެފައިވާ 39 ބެލެނިވެރިންގެ އިތުރުން 80 ކުދިން ވަނީ ދަފްތަރުން އުނިކޮށްފައެވެ. މީގެ އިތުރުން މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމުގެ ދަށުން ރަޖިސްޓްރީވެފައިވާ އެއް ބެލެނިވެރިއަކާއި ދެ ކުދިން ވެސް އުނިކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ މީހުން ދަފްތަރުގައި ހިމެނުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ 14 އަންހެނުންނާއި 26 ފިރިހެނަކު ވެސް ދަފްތަރުން ވަނީ އުނިކޮށްފައެވެ. އަދި ތެލަސީމިއާ އެލަވަންސްގެ ގޮތުގައި ދެވޭ މާލީ އެހީ ޕްރޮގްރާމުގެ ދަށުން ދެ ފިރިހެނުން ވެސް އުނިކޮށްފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.




