އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ސަރުކާރުން އެއްކޮށް ދައްކައި ނިންމައިފި
SBI medhuverikoh negi 150 million dollarge dharani sarukaarun ehkoh dhahkaa ninmaifi

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޓީބިލު ވިއްކައިގެން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން އެއްކޮށް ދައްކައި ހަލާސްކޮށްފިއެވެ.
މާލީ ވުޒާރާއިން ހާމަކުރި ގޮތުގައި، ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރީގެ ސަރުކާރުން ނެގި މި ފެސިލިޓީ ދައްކާފައިވަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހު 50 މިލިއަން ޑޮލަރު އަދި މެއި މަހުގެ 11 ވަނަ ދުވަހު އިތުރު 50 މިލިއަން ޑޮލަރު ދައްކާފައިވާއިރު، ބާކީ އޮތް 50 މިލިއަން ޑޮލަރު ދައްކަންޖެހޭ މުއްދަތަށް މިއަދު ދެއްކުމާއެކު މި ފެސިލިޓީގެ ދަށުން ނެގި މުޅި ދަރަނި މިހާރު ވަނީ އެއްކޮށް ދައްކާ ނިމިފައެވެ.
ރިޒާވާއި ޒަރޫރީ ތަކެތި އެތެރެކުރުމުގެ ޔަގީންކަން
ދަރަނީގެ ބޮޑު އަދަދެއް ދެއްކި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ފަދަ ޒަރޫރީ ތަކެތި މެދުނުކެނޑި އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އޮގަސްޓު 2024 ގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރުގައެވެ. އެހެންކަމުން، ދަރަނި ދެއްކުމުގެ ސަބަބުން ޒަރޫރީ މުދާ އެތެރެކުރުމަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް މާލީ ވުޒާރާއިން ބަޔާންކުރެއެވެ.
ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ސަރުކާރުން އިސްކަންދެނީ ދުރާލައި ރޭވުންތެރިކަމާއެކު މަސައްކަތް ކުރުމަށް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރުމާއި، ދަރަނި ދައްކަންޖެހޭ މުއްދަތުގެ މާ ކުރިން ބޭނުންވާ މާލީ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ދޭދޭ ގައުމުތަކާއެކު ސަރުކާރުން ކުރިއަށްގެންދާ މަތީ ފަންތީގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މާލީ ވުޒާރާއިން ބުނެއެވެ. އަދި ޒިންމާދާރުކަމާއެކު ދަރަނި މެނޭޖުކުރުމާއި، ގައުމީ ރިޒާވް ހަރުދަނާކުރުމުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.




