ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ކިޔެވުންތައް ނިންމާލައިފި
Quran kiyevumuge qaumee mubaaraathuge kiyevunthah ninmaalaifi

ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުންތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއަހަރުގެ މުބާރާތަކީ އޮނިގަނޑަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު ބޭއްވި ފުރަތަމަ މުބާރާތެވެ. އެގޮތުން އެހެން އަހަރުތަކާ ޚިލާފަށް އޮޑިޝަން ބުރުތަކެއް ކުރިއަށްގެންގޮސްފައިވާއިރު، މާލޭގެ އިތުރުން ރާއްޖޭގެ 21 ރަށެއްގައި އޮޑިޝަންތައް ބާއްވާފައިވެއެވެ.
މި މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވުމަށް 3050 ކުދިން ނަންނޯޓުކުރިއިރު، އޭގެ ތެރެއިން އޮޑިޝަންގައި 2742 ކުދިން ކިޔަވާފައިވެއެވެ. އަދި އޮޑިޝަނަށްފަހު މުބާރާތުގެ ސެމީ ފައިނަލަށް 379 ދަރިވަރުން ދަތުރުކުރިއިރު، ފައިނަލް ބުރަށް ހޮވުނީ 140 ދަރިވަރުންނެވެ. ނަމަވެސް، ފައިނަލްގައި ޢަމަލީ ގޮތުން ކިޔަވާފައިވަނީ 138 ދަރިވަރުން ކަމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވިއެވެ. ފައިނަލް ބުރުގެ ކިޔެވުންތައް ކުރިއަށްދިޔައީ މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު މަސްޖިދުލް މަލިކި ސަލްމާން (ސަލްމާން މިސްކިތް) ގައެވެ.
މުބާރާތުގެ ގަވާއިދަށް ގެނައި އައު ބަދަލުތަކުގެ ތެރޭގައި، ސެމީ ފައިނަލް ބުރާއި ފައިނަލް ބުރުގެ ތިން ބައިގެ ކިޔެވުންތަކަށް އިންސާފު ކުރުމަށް އެކުލަވާލި ފަނޑިޔާރުންގެ ދެ ޕެނަލްގައިވެސް ބައިނަލްއަޤުވާމީ ފެންވަރުގެ ފަނޑިޔާރަކު ހިމަނާފައިވެއެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރާއިރު، ކޮންމެ އުމުރުފުރާއަކުންވެސް ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ބައިވެރިޔާ ހޮވާނެއެވެ. އަދި މުޅި މުބާރާތުން ބަލައިގެން، ނުބަލައި އަދި ޙާފިޡުންގެ ބައިން ވަނަތައް ހޮވުމަށް ހަމަޖެހިފައިވާއިރު، މި ތިން ބައިން 1 ވަނަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި އަދި އެންމެ އަގުބޮޑު އިނާމުތައް ދެވޭ މުބާރާތަށް ހެއްދެވުމަށާއި، މި މުބާރާތަށް ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިއާއެކު މުބާރާތުގެ އިނާމުތައް ވަރަށް ބޮޑަށް އިތުރުކޮށްފައިވާއިރު، މައިގަނޑު ތިން ބައިންވެސް 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕެއް ލިބިގެންދާނެއެވެ.




