ހުމާއި ރޯގާ އަދި ބޭރަށްހިންގުން ފެތުރޭތީ ސަމާލުވާން އިލްތިމާސްކޮށްފި

Humaai roagaa adhi beyrah hingun fethureythee samaaluvaan ilthimaaskohffi

މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ހުމާއި ރޯގާ އަދި ބޭރަށްހިންގުން ފެތުރެމުންދާތީ، އެކަމުން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.

މި ދުވަސްވަރަކީ މި ބަލިތައް ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވަމުންދާ ދުވަސްވަރެކެވެ.

އެޗްޕީއޭއިން ވިދާޅުވީ، ސްކޫލް ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށާއި އަތޮޅުތަކަށް ދަތުރުފަތުރު ކުރުމާއި ގޭގެއަށް ޒިޔާރަތްކުރުން އިތުރުވާނެތީ، ބަލިތަކުން ސަލާމަތްވުމަށް ފަރުދީ ފެންވަރުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ. އެގޮތުން ހުމާއި ރޯގާގެ އަލާމާތެއް ހުރެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ގިނައިން ދިޔާތަކެތި ބޭނުންކުރުމުގެ އިތުރުން، އަނގައާއި ނޭފަތް ނިވާވާނެހެން މާސްކު އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކޮށްފައިވެއެވެ.

ރޯގާއާއި ހުމުން ރައްކާތެރިވުން

ރޯގާއާއި ހުމުން ރައްކާތެރިވުމަށްޓަކައި ކެއްސައި ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމަށާއި، ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް ވަނީ އެދިފައެވެ. މީގެއިތުރުން، ދުންފަތުގެ އިސްތިއުމާލު ނުކުރުމަށާއި، ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް އަމިއްލައަށް ބޭނުންނުކުރުމަށާއި، ހުން އަންނަތާ ތިން ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް ވަނީ އަންގާފައެވެ.

ބޭރަށްހިންގުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

ބޭރަށްހިންގުމުން ރައްކާތެރިވުމަށްޓަކައި ސާފު ބޯފެން ބޭނުންކުރުމަށާއި، ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ކެއުމުގެ އިތުރުން ރޯކޮށް ކާ ތަކެތި ރަނގަޅަށް ދޮވެގެން ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ބޭރަށްހިންގުން ޖެހިއްޖެނަމަ ގިނައިން ދިޔާތަކެއްޗާއި ލޮނުޕެކެޓު ބޭނުންކުރުމަށާއި، ދިޔާތަކެތި ބޭނުންނުކުރެވޭނަމަ ނުވަތަ މާބޮޑަށް ވަރުދެރަވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަށް ވަނީ އިރުޝާދު ދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted