އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި އެތެރެކޮށް ވިއްކުން އަލުން ހުއްދަކޮށްފި

Ehfaharru beynunkohffai ukaalaa plastic holhi etherekoh vihkkun alun huhdhakohffi

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި 2031 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އެތެރެކޮށް، އުފައްދައި އަދި ވިއްކުމުގެ ހުއްދަ އަލުން ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މި ބަދަލު ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ޤަރާރަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިސްލާހު ގެންނަވާފައެވެ. މި އިސްލާހުގެ ދަށުން، ކުރިން މަނާކޮށްފައި އޮތް ޕްލާސްޓިކް ހޮޅިތައް އަލުން ހުއްދަކޮށް، އެތަކެތި އެއްކޮށް މަނާވާ ތާރީޚު ވަނީ 2031 ވަނަ އަހަރަށް ފަސްކޮށްފައެވެ.

މަނާކުރާ ތާރީޚުތަކަށް ގެނައި ބަދަލުތައް

މީގެ ކުރިން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވަނީ 1 ޖޫން 2021 ގައެވެ. އަދި މި ބާވަތުގެ ހޮޅި އުފެއްދުމާއި ވިއްކުން މަނާކުރީ 19 ޑިސެމްބަރު 2022 ގައެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަށް ގެނައި އައު ބަދަލާއެކު، މި ބާވަތުގެ ހޮޅި އެތެރެކުރުން މަނާވާ ތާރީޚަކީ 1 ޖޫން 2031 އެވެ. އަދި މިތަކެތި އުފައްދައި ވިއްކުން މަނާވާނީ 19 ޑިސެމްބަރު 2031 ގައެވެ.

މި ބަދަލު ގެނެސްފައިވަނީ މިހާރު ބޭނުންކުރަމުންދާ ކަރުދާސް ހޮޅިތަކާ ގުޅޭގޮތުން އާންމުންގެ ހުރި ބައެއް ކަންބޮޑުވުންތައް އަޑުއަހައި، ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ބަދަލެއް މާކެޓަށް ގެނައުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށް ސަރުކާރުން ހާމަކުރެއެވެ.

މި ބަދަލާ ގުޅިގެން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބަދަލު ގެނައީ ބާޒާރުން މިހާރު ލިބެންހުރި ހޮޅި ބޭނުންކުރުމުގައި އާންމުންނަށް އެކި ދަތިތައް ކުރިމަތިވާކަން ފާހަގަކުރެވިފައިވާތީ ކަމަށެވެ. އަދި ކަރުދާސް ހޮޅި ބޭނުންކުރުމުގައި ޞިއްޙީ ކަންބޮޑުވުންތަކެއް ހުރުމުން، ޕްލާސްޓިކް ހޮޅި މަނާކުރުމުގެ މުއްދަތު 2031 ވަނަ އަހަރަށް ފަސްކުރީ ކަމަށް އެ ވުޒާރާއިން ބަޔާންކުރެއެވެ.

ކުރީގެ ސަރުކާރުން 2022 ވަނަ އަހަރު މި ޕްލާސްޓިކް ހޮޅިތައް މަނާކޮށްފައިވަނީ، ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ މަޤްޞަދުގައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted